ކުރީ ސަރުކާރުގައި ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައި ވީނަމަވެސް ބައެއް އިދާރާތަކުން އަމަލު ކުރަމުން ދާގޮތުން ހައިސިއްޔަތު އޮޅުން އަރާތީ، ތިނަދޫގެ ސިޓީ ދަރަޖަ ގާނޫނީ ގޮތުން ކަށަވަރު ކޮށްދިނުމަށް އެދި އެ ކައުންސިލުގެ މެންބަރުން މަޖިލީހަށް ހުށަހަޅައިފިއެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މިދިޔަ އަހަރުގެ އޯގަސްޓު 30 ވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް އެވެ.

މަޖިލީހަށް ތިނަދޫ ސިޓީ ކައުންސިލުން ހުށަހެޅި މައްސަލައިގައި މިއަދު މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ވަނީ އެ ކައުންސިލުގެ މެންބަރުންނާ ބައްދަލު ކުރައްވައިފައެވެ.

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ކޮމެޓީގައި ވާހަކަދައްކަވަމުން ވިދާޅުވީ ތިނަދޫ ސިޓީއަކަށް ބަދަލުވި ނަމަވެސް ބައެއް އިދާރާތަކުން އެ ކައުންސިލާ މެދު އަމަލު ކުރަމުން ދަނީ 200 މީހުން ހަމަނުވާ ރަށެއްގެ ކައުންސިލާ މެދު އަމަލު ކުރާ ގޮތަށް ކަމަށެވެ.

ތިނަދޫ ސިޓީއަކަށް ބަދަލުވުމާއެކު ޤާނޫނު މާނަ ކުރުމުގައި ދިމާވެފައިވާ އުނދަގުލާ ހެދި އެއްވެސް ތަނަކަށް ފޮނުވާ ސިޓީއެއްގައި އަމިއްލަ ހައިސިއްޔަތު ވެސް ބަޔާން ނުކުރެވޭ ކަމަށް މޭޔަރު ވިދާޅުވިއެވެ. ނަމަވެސް ހިނގަމުންދާ ދައުރެއްގެ މެދުތެރެއިން ރަށެއް ސިޓީއަކަށް ބަދަލުވެއްޖެ ނަމަ، އިންތިޚާބުވެފައި އެ އޮންނަ ކައުންސިލަކަށް ސިޓީ ކައުންސިލަކުން ފޯރުކޮށްދޭން ޖެހޭ ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

އަދި ސިޓީ ކައުންސިލެއްގެ ވެރިއެއްގެ ގޮތުގައި ހުންނަވާނީ ރައީސެއްވެސް ނޫން ކަމަށް އޭނާގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ތުޅާދޫ ދާއިރާގެ މެންބަރު، ހިސާން ހުސެއިން ވިދާޅުވީ އެ ޤާނޫނަކީ އެތައް ފަހަރެއްގެ މަތިން އިސްލާހު ކޮށްފައިވާ ގާނޫނަކަށް ވުމުން ޤާނޫނު މާނަ ކުރުމުގެ މައްސަލައެއް އުޅެނީ ކަމަށެވެ. ނަމަވެސް ޤާނޫނުގެ އެންމެ އަކުރަކަށް ބަލައިގެން މާނަ ކުރުމުގެ ބަދަލުގައި މުޅި ޤާނޫނަށް ބަލައިގެން މާނަ ކުރަން އުޅުމުން މައްސަލައަށް ހައްލު ލިބޭނެ ކަމަށް ހިސާން ވިދާޅުވިއެވެ.

އަދި ސިޓީއެއްގެ ދަރަޖަ ރަށަކަށް ދީފައި ސިޓީއަކަށް ދޭންޖެހޭ ބަޖެޓު ދީފައި ސިޓީއަކުން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ޤާނޫނަކުން އެ ސިޓީގެ ކައުންސިލުގެ މައްޗަށް ލާޒިމު ކުރީމާ ދެން އިތުރަށް ސިޓީ ކައުންސިލަކަށް ޤާނޫނީ ހައިސިއްޔަތު ދިނުމަށް ކުރަންޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށް މެންބަރު ހިސާން ވިދާޅުވިއެވެ.

ކޮމެޓީ ބައްދަލުވުން ނިންމަވާލައްވަމުން ކޮމެޓީގެ މުޤައްރިރު އަދި ހުޅުމާލެ ދާއިރާގެ މެންބަރު، އަލީ ނިޔާޒު ވިދާޅުވީ ކޮމެޓީގައި ކައުންސިލުގެ ފަރާތުންނާއި ކޮމެޓީގެ މެންބަރުން ފާހަގަ ކުރި ކަންކަމަށް ބެލުމަށްފަހު މާދަމާ ބާއްވާ ބައްދަލުވުމުގައި ރަސްމީކޮށް އެ ޤާނޫނު މާނަ ކޮށްދީ، ތިނަދޫ ސިޓީ ކައުންސިލާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ޤާނޫނީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *