ޔުމްނާ މައުމޫން

ހައެއްކަ އަހަރު ކުރިން ރައީސް ޔާމީންގެ ސަރުކާރުގައި، ސަލްޓަން ޕާކު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދިޔައިރު، އެތަން ކޮންނަނިކޮށް ރިހި ފައިސާތަކެއް ފެނުނު ވެލިފުނި ގެއްލިފައިވާ ކަމަށް ކުރީގެ އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ މިހެން ވިދާޅުވީ، މީގެ އަހަރެއްހާ ދުވަސް ކުރިން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލާ ގުޅިގެން ލިޔުމުން ދެއްވި ޖަވާބުގައެވެ.

ބޮންޑޭ ކުރެއްވި ސުވާލުގެ ޖަވާބު 2022 ވަނަ އަހަރު މިނިސްޓަރު ވަނީ މަޖިލީހަށް ލިޔުމުން ދެއްވާފައެވެ. ނަމަވެސް އެ ޖަވާބު މަޖިލީހުގެ ތަޅުމަށް އިއްވާފައިވަނީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސަލްޓަންޕާކު ތަރައްޤީކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުގެ ތެރެއިން އެތަން ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެކި ޤައުމުގެ ގިނަ އަދަދެއްގެ ފައިސާ ފޮތިތަކެއް ފެނި އޭރު އޮތް ހެރިޓޭޖް ޑިޕާޓްމަންޓްގެ ބެލުމުގެ ދަށަށް ދިރާސާކުރުމަށް ގެންދިޔައެވެ.

އެހެންކަމުން ބޮންޑޭ ކުރެއްވި ސުވާލުގައި ވަނީ އެ ފައިސާ ފޮތިތަކުގެ ޖުމުލަ އަދަދާއި ފައިސާ ފޮތިތަކުގެ އުމުރުންވެފައިވާ ދުވަހާއި ކޮނުމުގެ ތެރެއިން ފައިސާ ފޮތިތައް ނޫން އެހެން އެއްޗެއް ނުވަތަ މައުދަނީ ބާވަތެއް ނުވަތަ އާސާރެއް ފެނިފައިވާނަމަ ވަކިވަކިން އެ ތަކެތީގެ މައުލޫމާތު ދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ސުވާލުތަކުގެ ޖަވާބުގައި މިނިސްޓަރު ޔުމްނާ ވިދާޅުވީ، ސަލްޓަން ޕާކު ތަރައްޤީކުރުމުގެ މަޝްރޫއުގެ ތެރެއިން ޕާކުގެ ލިލީ މަގަށްވާ ފަޅިން ރިހި ފައިސާ ފޮތިތަކަކާއި މުށި ސީނުތަށި ތަކަކާއި ގުޅިއެއްގެ ބައިތައް ފެނިފައިވާ ކަމަށް މޯލްޑިވްސް ޑިފެންސް ފޯސްގެ ފަރާތުން އޭރުގެ ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް 15 ޖޫން 2017 ގައި އަންގާފައިވާ ކަމަށެވެ.

އަދި އެ މައުލޫމާތާ ގުޅިގެން އެ ޑިޕާޓްމަންޓްގެ ޓީމެއް ސަލްޓަން ޕާކަށް ގޮސް ބަލައި ކޮނެފައިވާ ވަޅުގަނޑުން ނަގާފައިވާ ފަސްފުނި ފުރާނައިގެން އެ ދުވަހުގެ އިރުއޮއްސުމާ ހަމައަށް 96 ފައިސާ ފޮތި ހޯދި ކަމަށާއި އެ ވެލިފުނި ފުރާނައިގެން އިތުރު ފައިސާ ފޮތި ފެނިދާނެ ކަމަށް ބަލައި ޖެހިގެން އައި ދުވަހު އެ މަސައްކަތަށް ދިޔައިރު ފަސްފުނި އެއްކޮށް ގެއްލިފައިވާ ކަމަށް އެ މަސައްކަތުގައި އުޅުނު މުވައްޒަފުން މައުލޫމާތު ދީފައިވާ ކަމަށްވެސް ޖަވާބުގައި ވިދާޅުވެފައިވެއެވެ.

އަދި މީގެއިތުރުން ސަލްޓަން ޕާކުގައި ކުރި މަސައްކަތުގައި ފެނިފައިވާ އިތުރު 43 ފައިސާ ފޮއްޗެއް 18 އޮކްޓޯބަރު 2017 ގައި ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ހެރިޓޭޖާ ހަވާލުކޮށްފައިވާކަން ރެކޯޑްތަކުން ފެންނަން އެބަ އޮތް ކަމަށް ޔުމްނާ ވިދާޅުވިއެވެ.

އެހެންކަމުން ޖުމުލަ 139 ފައިސާފޮތި ގައުމީ ދާރުލްއާސާރުގައި އެބައޮތް ކަމަށްވެސް ޔުމްނާގެ ޖަވާބުގައި ވަނީ ވިދާޅުވެފައިވެއެވެ. އަދި އެކި ސައިޒުގެ 713 ސީނު ތައްޓާއި ތެޅިފައިވާ ސީނު ތަށިތަކެއްގެ ބައިތަކަކާއި ގުޅިއެއްގެ ބައިތަކަކާއި ލޯތާހެއް 19 ޖުލައި 2017 ގައި ގައުމީ ދާރުލްއާސާރަށް ލިބިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އަދި މި ތަކެތި ލިބުމާއެކު އާސާރި ތަކެތީގެ ރަޖިސްޓްރީގައި ހިމެނުމަށްފަހު މި ވަގުތު މި ތަކެތި ބެހެއްޓިފައި ހުރީ އާސާރީ ތަކެތި ބެހެޓުމަށް ހާއްސަ ކުރެވިފައިވާ ޝޯރޫމުގައި ކަމަށާއި މިތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ކަމަށް މިނިސްޓަރުގެ ޖަވާބުގައި ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *