ހެލްތް މިނިސްޓަރ ޑޮކްޓަރ ޢަބްދުﷲ ޚަލީލް

މި އަހަރުގެ ނޮވެމްބަރު މަހުގެ 30 އިން ޑިސެމްބަރު މަހުގެ 12 އަށް އެކުވެރި އަރަބި އިމާރާތުގައި ކުރިއަށްދާ "28 ސެޝަން އޮފް ދަ ކޮންފަރެންސް އޮފް ދަ ޕަރޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ ކޮޕް28)" ގެ ބައްދަލުވުމުގެ ތެރެއިން މިއަދު ކުރިއަށްދާ "ކްލައިމެޓް-ހެލްތު މިނިސްޓީރިއަލް" ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ބައިވެރިވެ ވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު ދިވެހިރާއްޖޭގެ ފަރާތުން ވާހަކަފުޅު ދައްކަވާނެއެވެ.​

މި ކޮންފަރެންސްގައި 70،000 ފަރާތަކުން ބައިވެރިވާއިރު އޭގެތެރޭގައި ޤައުމުތަކުގެ އިސްވެރިންނާއި އެކި ސިނާޢަތްތަކުގެ ބައިނަލްއަޤްވާމީ ފެންވަރުގެ ލީޑަރުންނާއި އަމިއްލަ ވިޔަފާރިތައް ތަމްޞީލުކުރާ ފަރާތްތަކާއި ތަޢުލީމީ މާހިރުންނާއި އެކިއެކި ރޮނގުރޮނގުގެ ތަޖުރިބާކާރުންނާއި ޒުވާނުން އަދި ޖަމުޢިއްޔާ ޖަމާޢަތްތައް ހިމެނެއެވެ.

މިއީ، ޞިއްޙަތާ ގުޅޭ ގޮތުން ޔޫ.އެން.އެފް.ސީ.ސީ.ސީ ކޮޕް ބައްދަލުވުމެއްގައި ބާއްވާ ފުރަތަމަ މިނިސްޓީރިއަލް ބައްދަލުވުމެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރާވާފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރެވި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްވަރާތައް ކުރެވިގެންދާނެއެވެ.

އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޞިއްޙަތަށް ކުރެވޭ ނޭދެވޭ އަސަރުތަކަށް ހައްލެއް ހޯދުމުގެ މަޤްސަދުގައި ކުރެވޭނެ ކަންކަމާމެދު މަޝްވަރާކޮށް، މިކަމާގުޅޭ ގޮތުން ޤައުމުތަކުގެ ޞިއްޙަތާބެހޭ ވަޒީރުން އެއްބަސްވެ ވަޑައިގަންނަވާ "ޑެކްލަރޭޝަން އޮން ކްލައިމެޓް އެންޑް ހެލްތު" ގެ ނަމުގައި ގަރާރެއް ފާސްކުރެވިގެންދާނެއެވެ.

​މީގެއިތުރުން، މި ބައްދަލުވުމުގެ ތެރެއިން "ކޮޕް28 ޔޫތު ކްލައިމެޓް ޗެމްޕިއަން" އަދި "ވެލްމަކް ޓްރަސްޓު" ގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މޫސުމަށް އަންނަ ބަދަލާ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރު ކުޑަކުރުމާ ގުޅޭ އިވެންޓުގައި މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ވާހަކަފުޅު ދައްކަވާނެއެވެ.

​އަދި، މިބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީދާއިރާ ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މިބައްދަލުވުންތަކުގައި ސިއްޙީދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ސިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރެވޭނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *