ޑިމޮކްރެޓްސްގެ ރައީސް ކަމަށް ވާދަކުރެއްވި ދެ ކެންޑިޑޭޓުން ވޯޓު ލައްވަނީ

ހޮނިހިރު ދުވަހު ބޭއްވި ދަ ޑިމޮކްރެޓްސް ގެ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ އަދިވެސް އިއުލާންނުކޮށް ލަސްވަމުންއަންނާތީ އެ ޕާޓީގެ އާންމު މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވަން ފަށައިފިއެވެ.

ހޮނިހިރު ދުވަހު އިންތިހާބުކުރަން ބޭއްވި ފުރަތަމަ އިންތިހާބުގެ ވޯޓު ނެގުން ހޮނިހިރު ދުވަހު ރާއްޖޭގެ އެކި ހިސާބުތަކުގައި ހަވީރު 4:00 ހަމައަށް ކުރިއަށް ގެންދިޔައެވެ.

ވޯޓުގެ ނަތީޖާއަކީ އާންމުގޮތެއްގައި ވޯޓުލާ ނިމޭތާ 2 ގަޑި އިރެއްހާއިރު ތެރޭ އެނގޭ އެއްޗެކެވެ. މިގޮތަށް އެންގިނަމަވެސް އަދިވެސް މިހާތަނަށް އެ ނަތީޖާ އިއުލާންކޮށްފައިނުވާތީ އާންމު މެމްބަރުން ދަނީ ސޯޝަލް މީޑިއާގައި  ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވަގުތީ ނަތީޖާ އަދި އިއުލާން ނުކުރާނަމަވެސް، ޑިމޮކްރެޓްސްގެ ރައީސް ކަމަށް ވާދަ ކުރެއްވި އެ ޕާޓީގެ މުއައްސިސް ހަސަން ލަތީފް ވަނީ ރޭ ކާމިޔާބު އިއުލާނު ކުރައްވާފަ އެވެ. ހަސަން ލަތީފް ވިދާޅުވިގޮތުގައި ވޯޓު ފޮށިތަކުގެ ނަތީޖާ ޝީޓުތަކުން ބޮޑު ތަފާތަކާއިއެކު އޭނާއަށް އިންތިހާބު ކާމިޔާބު ކުރެވިއްޖެކަމަށް ދައްކާ ކަމަށެވެ. އޭނާ ވިދާޅުވީ ‏މުޅި ރާއްޖޭގައި ކުރިއަށްގެންދިޔައީ މުހިންމު ސިޔާސީ ހަރަކާތެއް ކަމަށާއި ދެން އޮތީ ހަގީގީ މަސައްކަތް ފަށައިގަތުން ކަމަަށެވެ.

ހަސަން ލަތީފްގެ އިތުރުން ރައީސްކަމަށްވާދަކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން އަމްރު ވަނީ ހަސަންގެ ވާހަކަފުޅަށް ރައްދު ދެއްވާފައެވެ. އަމްރު ވިދާޅުވީ ވޯޓް ފޮށިތަކުން ކުރި ހޯދީ އޭނާ ކަމަށާއި އޭނާގެ ޓީމުން ތިބީ ވަގުތީ ނަތީޖާ ނުލިބެނީސް ކާމިޔާބު އިއުލާނު ނުކުރަން ކަމަށެވެ.

ޑިމޮކްރެޓްސްއިން ނަތީޖާ އިއުލާނު ކުރުން ލަސްވާ ސަބަބު ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މިރޭ 8 ޖަހާއިރު ވަގުތީ ނަތީޖާ އިއުލާނު ކުރާނެ ކަމަށް އެ ޕާޓީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *