ދިވެހިރާއްޖޭގެ ހައި ކޯޓު

ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރި ދައުވާތައް ސާބިތުވުމުން ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފީ މައްސަލައިގެ ހުކުމް ނުކޮށް ހައިކޯޓު ރިސެސްއަށް ހިނގައްޖެއެވެ.

ޔާމީންގެ މިމައްސަލައާއި ގުޅިގެން ހައިކޯޓުގައި އެންމެފަހުން އަޑުއެހުމެއް ބާއްވާފައިވަނީ ފާއިތުވި ނޮވެމްބަރު މަހު 21 ހުގައެވެ. އަދި އެ އަޑުއެހުމަކީ މައްސަލާގެ އަޑުއެހުންތައް ނިންމާލުމަށް ބޭއްވި އަޑުއެހުމެކެވެ.

އެދުވަހުގެ އަޑުއެހުމުގައި ޔާމީނާއި އެކު ރިޝްވަތު ދިނުމުގެ ދައުވާ އުފުލި ޔޫސުފް ނައީމްގެ ފަރާތުންނާއި ދައުލަތަށް ވެސް ފަހުބަސް އިއްވުމުގައި ފުރުސަތު ދީފައިވެއެވެ.

ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު އެދުވަހުގެ އަޑުއެހުން ނިންމާލަމުން ވިދާޅުވީ އެ މައްސަލަތައް ޝަރީއަތުން ދިރާސާ ކުރަމުންދާއިރު، ދެ ފަރާތް ހާޒިރުކޮށްގެން ކަމެއް ސާފުކުރަން ނުޖެހޭ ކަމަށްވާ ނަމަ، މައްސަލައިގައި ހުކުމްކުރުމަށް ތާވަލުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ މައްސަލަ އަވަހަށް ބަލައި ނިންމުމަށް އެދި ކަންބޮޑުވުން ފަޅުކުރައްވާފައެވެ. ކަންބޮޑުވުން ފާޅުކޮރައްވާފައިވާ މިދަނޑިވަޅުގައި ހައިކޯޓު ވަނީ ހުކުރު ދުވަހު އެ ކޯޓުގެ ގަވާއިދުގެ ހަތަރުވަަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތިން ރިސެސްއަށް ގޮސްފައެވެ. މިއީ އެއްމަސް ދުވަހުގެ ރިސެސްއެއްކަމަށް އެ ކޯޓުން މައުލޫމާތުދެއެވެ.

ކޯޓް ރިސެސްގައި އޮންނަ މުއްދަތުގައި ކުރިއަށް ގެންދެވޭނެ މައްސަލަތައްވެސް އެ ފަރާތުން ހާމަކޮށްފައިވާއިރު އޭގެ ތެރޭގައި ގާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ ބާވަތުގެ މައްސަލަތަކާއި ހުކުމްކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސްތަކާއި އަވަސް ތަބީއަތުގެ މައްސަލަތަކާއި އަވަސްކޮށް ހިންގަންޖެހޭ ކަމަށް މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް އެއްބަސްވެވޭ މައްސަލަތައް ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *