Against Child Rape Protest
ކުޑަކުދިންނަށް ކުރާ އަނިޔާ އާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: ސަން

އިޖުތިމާއި އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއަށް މިދިޔަ އޮކްޓޫބަރު އެންމެގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާގެ މައްސަލަކަމަށް އެވުޒާރާއިން ހާމަކޮށްފިއެވެ.

މިދިޔަ އޮކްޓޫބަރުމަހު އެވުޒާރާއަށް ޖުމްލަ 205 މައްސަލަ ހުށަހަޅާފައިވާއިރު އޭގެ ތެރެއިން ވެސް އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާގެ މައްސަލަ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

އޭގެތެރޭގައި 90 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް  ބުނެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން ކުޑަކުދިންގެ އަނިޔާގެ މައްސަލަތަކުގައި އޮކްޓޫބަރު މަހު އެންމެ ގިނައީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލައެވެ.

އެ ގޮތުން އެ ބާވަތުގެ 25 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން ކުޑަކުދިނަށް ޖިސްމާނީ އަނިޔާ ކުރުމުގެ 19 މައްސަލައާއި، ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ 16 މައްސަލައާއި އިހުމާލުގެ 15 މައްސަލައެއް އޮކްޓޫބަރު މަހު ހުށަހަޅާފައިވެއެވެ. އަދި އެހެންކުދިންގެ ފަރާތުން ގަނާލިބުމާއި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 5 މައްސަލަ އާއި ނަފްސާނީ އަނިޔާގެ 4 މައްސަލައާއި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 3 މައްސަލައެއް ވެސް ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

މީގެެއިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 36 މައްސަލައެއްވެސް އޮކްޓޫބަރު މަހު ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަ ބަހުން ކުރެވޭ އަނިޔާގެ މައްސަލައެވެ. އެ ބާވަތުގެ 16 މައްސަލަ ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ޖިސްމާނީ އަނިޔާ ކުރުމުގެ 15 މައްސަލައަކާއި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 3 މައްސަލައާއި ޖިންސީ ހާނިއްކަ ކުރުމުގެ 1 މައްސަލަ އަދި ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 1 މައްސަލަވެސް ހުށަހަޅާފައިވެއެވެ.

އޮކްޓޫބަރު މަހު ދައުލަތަށް އަލަށް 4 ކުއްޖަކު ނަގާފައިވާއިރު، 3 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކުރެވި، 1 ކުއްޖަކު ފޮސްޓަރކުރެވިފައިވެއެވެ. މިއާއެކު އޮކްޓޫބަރ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 164 ކުދިން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *