އެއިޑްސް ބައްޔަށް ފަރުވާ ހޯދަމުންދާ 22 މީހުން ރާއްޖޭގައި އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ބުނެފި އެވެ.

އއިޑްސް އަކީ އެޗްއައިވީ ވައިރަސްގެ ޒަރިއްޔާއިން ޖެހޭ ބައްޔެކެވެ. ރާއްޖޭގައި އެޗްއައިވީ އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރެވެ.

އެޗްޕީއޭއިން މިއަދު ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އެޗްއައިވީ ޖެހުނު މީހުންގެ އަދަދު 40 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ އަންހެނުންނާއި 34 ފިރިހެނުންނެވެ.

އެޗްއައިވީ އަށް ދެވޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ޓްރީމަންޓް ކަމަށްވާއިރު، 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް މިފަރުވާ ދެމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެފައި ވެއެވެ. މިއީ މުޅިން ހިލޭ ފޯރުކޮށްދެވޭ ފަރުވާއެެއް ކަމަށްވާއިރު، އެޗްއައިވީން ރައްކާތެރިވުމުގެ ގޮތުން ދެވޭ ފަރުވާ ( (Pre-exposure prophylaxis or PrEP ވެސް ރާއްޖެގައި ލިބެން ހުންނަ ކަމަށް ބުނެފައި ވެއެވެ.

2023 ވަނަ އަހަރުގެ އެއިޑްސް ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "”Let Communities lead މި ޝިއާރެވެ.

މި ޝިޢާރުގެ މަގްސަދަކީ އެއިޑްސް ބައްޔަށް ފަރުވާދިނުމުގައްޔާއި، ބަލި ޖެހިފައިވާ މީހުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އަދި ބޭނުންވާ ސަޕޯޓް ދިނުމުގައްޔާއި ބަލިންރައްކާތެރިވުމުގެ ގޮތުން ހިންގޭ ހަރަކާތްތަކުގައި އެންމެން އެއްބައިވެ، އާއްމުން އިސްނަގައިގެން ކުރިއަށްދިއުމެވެ.

މި ޝިއާރުގެ ދަށުން މިއަހަރު ދުނިޔޭގޭ އެއިޑްސް ދުވަހާގުޅުވައިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ކުޅުދުއްފުށީ ސިޓީ ކައުންސިލް، ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން، މިޝަން ފޯރ މައިގްރަންޓްސް މޯލްޑިވްސް، ވައިބް ޔޫތު އަދި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން އެކި އެކި ޙަރަކާތްތައް ހދ އަތޮޅުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެއިޑް ބައްޔަށް ޓެސްޓްކޮށް، ބަލި ނެތްކަން އަމިއްލައަށް ޔަޤީންކަން ހޯދުން މުހިންމު
- ކާކުކަން ނޭނގޭގޮތަށް ވެސް ޓެސްޓް ކުރެވޭ، އަދި ނަތީޖާ އެއްވެސް ފަރާތަކަށް ހާމައެއް ނުކުރެވޭނެ.
- ބަލިވެ އިންނަތާ، އެންމެ ލަސްވެގެން ފުރަތަމަ ތިން މަސް ތެރޭގައި އެޗްއައިވީ ޓެސްޓް ހެދުން ވަރަށް މުހިންމު އަދި މީގެ ސަބަބުން މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ ވާސިލްވުން ހުއްޓުވޭނެ.

އެޗް.އައި.ވީ އާ ބެހޭ އާއްމު މައުލޫމާތު
- އެޗް.އައި.ވީ އަކީ ރައްކާތެރިވެވޭ ބައްޔެއް.
- އެޗް.އައި.ވީ އަށް ފަރުވާ ލިބެން ހުރޭ.
- އެޗް.އައި.ވީ އަކީ އެއްކޮށް ފަސޭހަ ކުރެވޭ ބައްޔެއް ނޫނެވެ. ނަމަވެސް ކަނޑައެޅިފައިވާ ފަރުވާ ޤަވާއިދުން ލިބިގަނެގެން ސިއްޙަތު ރަނގަޅު މީހެއްގެ ގޮތުގައި އާއްމު ދިރިއުޅުމެއް އުޅެވޭ.
- ބަލާބެލުމަށް ސިއްހަތު ރަނގަޅު މީހެއް ކަމުގައި ވިޔަސް، އޭނާއަށް އެޗް.އައި.ވީ ޖެހިފައި ހުރެދާނެ.

ބަލި ފެތުރޭ ގޮތްތައް
- ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގައިފިނަމަ، އެޗް.އައި.ވީ ޖެހުމުގެ ފުރުސަތު އޮވޭ.
- ސިރިންޖު ނުވަތަ ކަށި ބޭނުންކޮށްގެން މަސްތުވާ ތަކެތި ބޭނުންކުރާއިރު، އެކަކު ބޭނުންކޮށްފައި ހުންނަ ކަށި ފަދަ ތަކެތި އަނެކަކު ބޭނުންކުރުމުން އެޗް.އައި.ވީ ޖެހުމުގެ ފުރުސަތު ބޮޑުވާނެ.
- އެޗް.އައި.ވީ ޖެހިފައިވާ މަންމަގެ ފަރާތުން، މާބަނޑު ދުވަސްވަރުއާއި ވިހެއުމުގެ ތެރޭގައި ނުވަތަ ގާތުން ކިރުދިނުމުން ދަރިފުޅަށް އެޗްއައިވީ ޖެހިދާނެ.
- އެޗް.އައި.ވީ ޖެހިފައިވާ މީހެއްގެ ލެޔަށް ހުށަހެޅުން

 ބަލި ނުފެތުރޭނެ ގޮތްތައް
- މަދިރި ހެފުންފަދަ ކަންކަމުން އެކަކު ގައިން އަނެކަކު ގަޔަށް އެޗް.އައި.ވީ ނުފެތުރޭ.
- އެޗް.އައި.ވީ ޖެހިފައިވާ މީހަކާ އެއް ތަށިން ކެއުން ނުވަތަ އެކުގައި ކެއުމުން އެޗް.އައި.ވީ ނުފެތުރޭ.
- އެޗް.އައި.ވީ ޖެހިފައިވާ މީހަކު ބޭނުން ކުރާ ފާޚާނާއެއް ބޭނުން ކުރުމުން އެޗް.އައި.ވީ ނުފެތުރޭ.
- އެޗް.އައި.ވީ ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ އަންނައުނު ބޭނުން ކުރުމުން އެޗް.އައި.ވީ ނުފެތުރޭ.

 އެޗް.އައި.ވީ އިން ރައްކާތެރިވެވޭނެ ގޮތްތައް
- އެޗް.އައި.ވީ ޖެހިފަ ނުވާ ވަފާތެރި އެއް ބައިވެރިއަކާ އެކު ޖިންސީ ގުޅުން ހިންގުމުން އެޗް.އައި.ވީ ޖެހުމުގެ ފުރުސަތު ކުޑަކުރެވޭ.
- ޖިންސީ ގުޅުން ހިންގާއިރު ކޮންޑަމް ނުވަތަ ހުރަސް ބޭނުން.
- އެކަކު ބޭނުންކޮށްފަ ހުންނަ ސިރިންޖު / ކަށި ފަދަ ތަކެތި އަނެކަކު ބޭނުން ނުކުރުން.
- ޞިއްޙީ ޚިދުމަތްތެރިންގެ ލަފާގެ މަތިން އެޗް.އައި.ވީ އިން ރައްކާތެރިވުމަށްޓަކައި ދެވޭ ފަރުވާ ކަނޑައެޅިފައިވާގޮތުގެ މަތިން ފުރިހަމަކުރުން.
- މާބަނޑު ދުވަސްވަރު ދުރާލާ އެޗް.އައި.ވީ އަށް ޓެސްޓު ކޮށް ޕޮޒިޓިވް ވެއްޖެނަމަ ކަނޑައެޅިފައިވާ ފަރުވާ ފުރިހަމަކުރުމުން ދަރިފުޅަށް އެޗް.އައި.ވީ ވާސިލްވުމުން ރައްކާތެރި ކުރެވޭ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *