ހިމަބިހި (މީސްލްސް) އަދި ރުބެއްލާއިން ރައްކާތެރިކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މީސްލްސް ވެކްސިން ދިނުމުގެ ޤައުމީ ކެމްޕެއިނެއް މިއަދު ކުޅުދުއްފުށީގައި ލޯންޗްކޮށްފިއެވެ.

މި ކެމްޕެއިން ކުޅުދުއްފުށީގައި ލޯންޗްކޮށްދެއްވީ ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމްއެވެ.

އެޗްޕީއޭއިން ބުނީ ހިމަބިއްސަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށްވުމާއެކު، ބަލީގެ ކޭސްތައް ފެނުން މަދުކުރުމަށްޓަކައި މުޅި މުޖްތަމައުގެ ވެކްސިން ކަވަރޭޖް ވަރަށް މަތީގައި ހިފަހައްޓަންޖެހޭކަަމަށެވެ. އެހެންކަމުން، މިއަދު މިފެށުނު ކެމްޕޭނުގެ އަމާޒަކީ 18 އަހަރާއި 49 އަހަރާއި ދެމެދުގެ މީހުންގެ (ދިވެހިންނާއި ބިދޭސީން) ތެރެއިން މީސްލްސް ވެކްސިންގެ 2 ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށް ވެކްސިން ދިނުންކމަށް އެ އިދާރާއިން ބުނެއެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން މީސްލްސް ވެކްސިންގެ 2 ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށްވެސް މި ކެމްޕޭންގެ ތެރެއިން ވެކްސިން ދިނުމަށްވަނީ ހަމަޖެހިފައިކަމަށެވެ. އަދި މިއަދު މިފެށުނު ކެމްޕެއިންއާއިއެކު، ކުރިއަށް އޮތް ދެހަފްތާ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ވެކްސިން ޖެހުމުގެ މަސައްކަތް ފެށިގެންދާނެކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ދިވެހިރާއްޖޭގައި އެމްއާރު ވެކްސިން ތަޢާރަފް ކޮށްފައިވަނީ 1983 ވަނަ އަހަރުގައިކަމަށްވާއިރު މިހާރުގެ ޤައުމީ ވެކްސިން ތާވަލުގައި ފުރަތަމަ ޑޯޒް އުމުރުން 9 މަހުގެ ކުދިންނަށާއި ދެވަނަ ޑޯޒް އުމުރުން 18 މަހުގެ ކުދިންނަށް ދެވެމުން ގެންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެއެވެ.

އަދި ވޭތުވެދިޔަ އަހަރުތަކުގައި މިސްލްސް ރުބެއްލާ ވެކްސިން ކަވަރޭޖް ވަނީ 95 އިންސައްތައަށް ވުރެން މަތީގައި ހިފެހެއްޓިފައިކމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

މީގެ ނަތީޖާއެއްގެ ގޮތުން، 2017 ވަނަ އަހަރު ދިވެހިރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި އަދި 2020 ވަނަ އަހަރު ރުބެއްލާ ނައްތާލެފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން 2020 ވަނަ އަހަރު ރާއްޖެއިން ޕީސީއާރ ޕޮޒިޓިވް މީސްލްސްގެ ކޭސްތަކެއް ފެނިފައިވާއިރު މި ކޭސްތައްފެނުމާއި ގުޅިގެން، 2020 ވަނަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން އެމްއާރު ކެމްޕޭން ފެށިއެވެ. އެހެންނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާއެކު މި ކެމްޕެއިން ވަނީ މެދުކަނޑާލަން ޖެހިފައިކަމަށް އެޗްޕީއޭއިްނ ބުނެއެވެ. އޭގެ ފަހުން މި 2023 ގައި ހިމަބިހީގެ ކޭސްތަކެއް ފެނުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން ހިމަބިހި ފަދަ ބަލިތައް ނައްތާލެވިފައިވަނީ އާންމުންނާއި ޞިއްޙީ ޚިދުމަތްތެރިންނާއި ކަމާ ގުޅުންހުރި އެކިއެކި އިދާރާތަކުގެ ބައިވެރިވުމާއި އެއްބާރުލުން ލިބިގެންކަމަށް އެޗްޕީއޭއިްނ ފާހަގަކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *