ތާޒާ ފެންފުޅިއެއް -- ފޮޓޯ: ޖަޒީރާ

ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެންފުޅި ރާއްޖޭގައި ވިއްކުން މަނާކުރާ ތާރީހަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބަދަލު ގެންނަވައިފިއެވެ.

އެއް ލީޓަރާއި އެެއަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން ޑިސެމްމބަރު އެކަކުން ފެށިގެން މަނާވާ ގޮތަށް ކުރިން ވަނީ ނިންމާފައެވެ. އަދި އެ ސައިޒުގެ ފެން ފުޅި ބާޒާރުގައި ވިއްކޭނެ އެންމެ ފަހު ތާރީޚަކަށް މާޗް އެކެއް ވަނީ ކަނޑައަޅާފައެވެ.

ނަމަވެސް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު އަލުން ކަނޑައަޅުއްވައި އޭގެ ތެރޭގައި ހިމެނޭ އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް ފުޅި ރާއްޖެއަށް އެތެރެކުރުމާއ،ި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރާ ތާރީހަށް ރައީސް މުޢިއްޒު ބަދަލު ގެންނަވާފައިވާ ކަމަށެވެ.

އެގޮތުން ކުދި ސައިޒުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެ އެތެރެކުރުން މަނާ ވާނީ އަންނަ އަހަރުގެ އޯގަސްޓް އެކަކުން ފެށިގެންނެވެ. އަދި އަންނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އެ ތަކެތި ބާޒާރުގައި ވިއްކުން މަނާވާނެއެވެ.

މިނިސްޓްރީން ބުނީ މިގޮތަށް ބަދަލު ގެންނަވަން ނިންމީ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް މަނާކުރުމަށް ކަނޑައަޅާފައިވާ މި ބާވަތްތަކުގެ ބަދަލުގައި ބޭނުންކުރާނެ ތިމާވެށްޓާއި ރައްޓެހި ތަކެތި ބާޒާރުގައި ލިބެންހުރި މިންވަރަށް ބެލުމަށް ފަހު ކަމަށެވެ.

އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ފެންބަންދުކޮށް ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރާ ތާރީހަށް ބަދަލު ގެނައި ނަމަވެސް މިފަދަ ސިންގަލް ޔޫޒް ޕްލާސްޓިކު ގެ ބާވަތްތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *