ނުރައްކާތެރި ކެމިކަލް މާއްދާތައް އެކުލެވޭތީ ޕާކިސްތާނުގެ ޕާމިކްސް ލެބޯޓްރީސް އިން އުފައްދާ ބޭސްތައް ރާއްޖެ އެތެރެކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަގުތީގޮތުން މަނާކޮށްފިއެވެ.

އެމްއެފްޑީއޭ އިން އިއްޔެ ނެރުނު އެލާޓުގައި ބުނީ ފާމިކްސް އިން އުފައްދާ ބައެއް ދިޔާ ބޭހުގައި ކެމިކަލް މާއްދާތައް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓްކުރާ އޮތޯރިޓީންނާއި އެހެން ޤައުމުތަކުންވެސް އަންގާފައިވާ ކަމަށެވެ.

އަދި އެ ކުންފުނީގެ ދިޔާ ބޭސް އުފެއްދުމުގައި މިފަދަ މައްސަލައެއް ފާހަގަކުރެވިފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ކުންފުނީގެ އެއްވެސް ބޭހެއް އެ އޮތޯރިޓީން ވަކި އެއްޗެއް އަންގަންދެން ދިވެހިރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް އެ އެލާޓުގައި ވަނީ ބުނެފައެވެ.

އެމްއެފްޑީއޭ އިން ވަނީ މީގެ ކުރިންވެސް އެ ކުންފުނިން އުފައްދާ ދެ ބޭހަކުން ވެސް އެ ކެމިކަލްތައް ފެނުމުން ކުރިން އެ ދެ ބޭސް އެތެރެކުރުމާއި ވިއްކުން މަނާކޮށްފައެވެ.

އެ ކުންފުނިން އުފައްދާ ހަ ދިޔާ ބޭހެއް ރާއްޖޭގައި ދަނީ ވިއްކަމުންނެވެ.

އެ އޮތޯރިޓީން ވަނީ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހުރި އެ ކުންފުނީގެ ދިޔާ ބޭސްތައް ފާމަސީތަކުން ނަގާ ހަމަޖެހިފައިވާ ގަވައިދާއެއްގޮތައް ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެދިފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *