ރައީސް ޑރ. މުޢިއްޒު ޔުނައިޓެޑް ޢެރެބް އެމިރޭޓްސްގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފިސް

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން،ނަށް ދިވެހި ބަހާއި އިސްލާމްދީނަށް ލޯބިޖެހޭނެ ގޮތަށް މަސައްކަތްތައް ރާވައި ހިންގުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ ޔުނައިޓެޑް ޢެރެބް އެމިރޭޓްސްގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޑރ. މުޢިއްޒު ޔުނައިޓެޑް ޢެރެބް އެމިރޭޓްސްގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފިސް

ރައީސް ޔޫ.އޭ.އީ އަށް ވަޑައިގެންފައިވަނީ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ދުބާއީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުން މަސައްކަތްކުރާނީ ރައްޔިތުންނާ އެކީގައި، ރައްޔިތުންގެ އަޑުއަހައިގެންކަމުގައި ވިދާޅުވިއެވެ. އަދި ކަންކަން ބައްޓަންކޮށް، ނިންމުންތައް ނިންމާނީ ރައްޔިތުންގެ މައްސަލަތަކަށް ޙައްލު ލިބިގެންދާނެފަދަ ގޮތަކަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން ކޮންމެ ޤައުމެއްގައި ތިބި ދިވެހިންނަށްވެސް، ދިވެހި ސަރުކާރުގެ ފަރާތުން މިހާރަށްވުރެ ރަނގަޅަށް ކަންކަން ކޮށްދިނުމުގެ ސިޔާސަތު މި ސަރުކާރުން ގެންގުޅުއްވާކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ޚާރިޖީ މިޝަންތަކުގެ މަސައްކަތްތައް ބައްޓަން ކުރާނީ އެ ޤައުމެއްގައި ތިބި ދިވެހިންގެ ކަންކަމަށް، ސަމާލުކަން ދީގެންކަމަށާއި، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރާނެ ގޮތަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ޔުނައިޓެޑް ޢެރެބް އެމިރޭޓްސްގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފިސް

ހަމަ އެއާއެކު މި ސަރުކާރުން ޤައުމަކަށް އާ ސަފީރެއް ހަމަޖައްސާއިރު ކުރިއަށްވުރެ ރަނގަޅަށް ކަންކަން ކޮށްދޭނެ މީހެއް ހަމަޖައްސާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

މި ބައްދަލުވުމުގައި، މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކަށް އޮތީ ޤައުމިއްޔަތު ދިރުވައި އާލާކުރުންކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މި ސަރުކާރުން އަލަށް އުފެއްދި މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖްގެ މަސައްކަތްތަކުގެ ތެރެއިން އެމްބަސީތަކާއި ކޮންސިއުލޭޓްތަކާ ގުޅިގެން، ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންނަށްވެސް ދިވެހި ބަހާއި އިސްލާމްދީނަށް ލޯބިޖެހޭނެ ގޮތަށް މަސައްކަތްތައް ރާވައި ހިންގުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މީގެ އިތުރުންވެސް އިސްލާމްދީނުގައި ހުރިކަންކަން ދަސްކޮށްދީ، އިސްލާމްދީނުގައި އޮންނަ ރީތި ހަމަތަކުގެ މަތީގައި ކުދިން ބޮޑުކޮށް، ހަރުދަނާ އަޤީދާއެއް ޤައިމުކޮށްދިނުމާއެކު، އާންމުކޮށް މި އޮންނަ ކޮންސިއުލާ މަސައްކަތްތަކުގެ އިތުރަށް ދިވެހިބަހާއި އެކީގައި ދީނީ ކަންކަން އިސްލާމްދީނުގެ މާއްދާއާއި ގުޅޭގޮތުން ކިޔަވާދިނުމުގެ ކަންތައްތަކެއް ރާވައިގެން ކުރިއަށްގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ޔުނައިޓެޑް ޢެރެބް އެމިރޭޓްސްގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފިސް

އަދި ޖުމްލަގޮތެއްގައި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް މި ސަރުކާރުން ފެށި މަސައްކަތަކީ ރާއްޖޭގެ އިމުން ބޭރަށް ދިވެހިންތިބި ކޮންމެ ތަނަކަށް އެކަން ފުޅާކޮށް ރައްޔިތުންނާ ހަމައަށް ގެންގޮސްދިނުމަށްޓަކައި ކުރަން ވިސްނަވާފައި އޮތް ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހަމަ އެއާއެކު އަންނަން އޮތް ޖީލުތަކަށް ދިވެހިވަންތަކަން ވާސިލްކޮށްދެއްވުމުގައި ދިވެހި ރައްޔިތުން ފަޚުރުވެރިވާފަދަ ގޮތަކަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ފެށުމަށް ހަމަޖެހިފައިވާ ކޮޕް28 ބައްދަލުވުމަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރަށް އެހީތެރިކަން ހޯދުމަށް ކޮޕް28 ބައްދަލުވުމަށްފަހު ވަކާލާތު ކުރައްވާނެކަމަށެވެ.

އަދި ރޭގެ ބައްދަލުވުމުގައި ރައީސް ވަނީ ދުބާއީގައި ދިރިއުޅޭ ދިވެހިންނަށް ދަތިވާ ކަންކަމާއި ބޭނުންވާ ކަންކަން ޙިއްޞާކުރުމަށް ފުރުޞަތު ހުޅުވައިލައްވާފައެވެ. އަދި އެކަންކަން ޙައްލުކޮށްދެއްވުމަށް މި ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *