ކޭ ޕާކް ރެސިޑެންސްގެ މެނޭޖިން ޑިރެކްޓަރު ހަސަން މަމްދޫހު (މަންޑޭ) ގަތް އަގުބޮޑު ޕެންޓްހައުސް ބަލައިފާސްކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މުދަލުގެ ތެރެއިން ހަމައެކަނި އަތްދަބަހާއި، ސެންޓު ފުޅިތަކާއި، ބޫޓާއި ފައިވާން، އަދި ގަހަނާތަކުގެ ލަފާކުރެވޭ އަގު 07 (ހަތެއް) މިލިއަން ދިވެހި ރުފިޔާއަށްވުރެ ގިނަކަމަށް ޕީޖީ އޮފީހުން ހާމަކޮށްފިއެވެ.  

ޕީޖީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމް ވިދާޅުވީ، އެ މައްސަލައިގައި މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބިނާކޮށް އަންނަ ހަފުތާގެ ކުރީކޮޅު މައްސަލަ ހުށަހެޅޭ ވަރުވާނެ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަންޑޭގެ އެޕާޓްމެންޓް

އޭނާ ވިދާޅުވީ އެ ތަހުގީގުގެ ތެރެއިން، އެފް ޑަބްލިޔު ކޮންސްޓްރަކްޝަންގެ ޕެންޓްހައުސްއެއް އެއް އަހަރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެއީ މަނީ ލޯންޑަރިންގެ ފައިސާއިން ގަނެފައިވާ ނުވަތަ މަނީ ލޯންޑަރިންގެ އަމަލެއް ތެރޭގައި ހޯދާފައިވާ އެޕާޓްމެންޓެއް ކަމަށް ތުހުމަތު ކުރެވިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، މަންޑޭ ދިރިއުޅެމުން ދިޔަ އެ އެޕާޓްމެންޓުގެ އަގު އެކަނި ވެސް އަށް މިލިއަނަށް އަރާ ކަމަށެވެ. އަދި އެޕާޓްމެންޓުން ހިފެހެއްޓި މުދަލުގެ އަގު ހަތް މިލިއަނަށް އަރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްޤީ ކުރަމުންދާ ކޭ-ޕާރކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ޙީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކޮށް މިހާރު ވަނީ ޕީޖީ އޮފީހަށް ހުށަހަޅާފައެވެ.

މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި މިވަގުތު ހުށަހަޅުއްވާފައިވަނީ ރ.އަލިފުށި، ކިނާރާ، ޖައިޝާން ސަޢީދުއާއި، ކ.މާލެ، މއ.އެރަލްސީ، ޙަސަން މަމްދޫޙުގެ މައްޗަށެވެ.

ތަޙުޤީޤުގައި ހޯދިފައިވާ ކަންކަން

1.    މއ. އެރަލްސީ، ޙަސަން މަމްދޫޙް އާއި އިތުރު ބަޔަކު ބައިވެރިވެގެން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މެޖޯރިޓީ ހިއްސާދާރުގެ ސޮއި ފޯޖުކޮށްގެން ލިޔެކިޔުންތަކެއް އުފައްދައިގެން ބޭންކް އޮފް މޯލްޑިވްސްގައި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އެކައުންޓްއެއް ހުޅުވާފައިވާކަން. އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް، އެކައުންޓުގެ ފުރިހަމަ ކޮންޓްރޯލް ޙަސަން މަމްދޫޙުއަށް އެކަނި އޮންނަ ގޮތަށް ހަމަޖައްސާފައިވާކަން.

2.     ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޭ-ޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި އިމާރާތްކުރަމުންދާ އިމާރާތުގެ އެޕާރޓްމަންޓްތަކެއް އޮޅުވާލާއިގެން ޢާއްމު ފަރާތްތަކަށް ވިއްކާ، ބައެއް މީހުންގެ އަތުން ނަގުދު ފައިސާއާއި، އަގު ބޮޑެތި މުދަލާއި އަދި އޮޅުވާލައިގެން ހުޅުވި އެކައުންޓަށް ގިނަ ޢަދަދެއްގެ މީހުންގެ ފައިސާ ޖަމާކުރާގޮތަށް ހަމަޖައްސައި، އެގޮތުގެ މަތިން ފައިސާ ޖަމާކޮށްފައިވޭ.

3.  ބައެއް އެޕާރޓްމަންޓްތައް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައިފައިވޭ. އެއް އެޕާޓްމަންޓަކާ ގުޅިގެން ތަފާތު މީހުންނާ އެކު އެއް ފަހަރަށްވުރެ ގިނައިންވެސް އެއްބަސްވުމުގައި ސޮއިކޮށް، ފައިސާ ހޯދާފައިވޭ. އެގޮތުން ޖުމްލަ 41 އެޕާޓްމަންޓް ޖުމްލަ 107 މީހަކަށް ވިއްކާފައިވޭ.

4.    ކުންފުނީގެ ފައިސާއަށް ޚިޔާނާތްތެރިވި، ފޯޖުކޮށްގެން ހުޅުވި އެކައުންޓް ބޭނުންކޮށްގެން މަނީ ލޯންޑަރކޮށްފައިވޭ

ބަލައި ފާސްކުރުން

މި މައްސަލައާ ގުޅިގެން 18 ނޮވެންބަރު 2023 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ ޙަސަން މަމްދޫޙް ދިރިއުޅުނު އެފް.ޑަބް.ލިއު ރެސިޑެންސްގެ ޕެންޓްހައުސް ބަލައި ފާސްކޮށް އެތަނުގައި ހުރި އަގުބޮޑެތި މުދާތައް ހިފަހައްޓާފައެވެ.

އަދި 28 ނޮވެންބަރު 2023 ދުވަހު ޙަސަން މަމްދޫޙް ދިރިއުޅުނު ޕެންޓް ހައުސްއިން މީހުން ހުސްކޮށް އެތަންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މުދާ ހިފެހެއްޓުން

މި މައްސަލާގައި ތުހުމަތުކުރެވޭ ޙަސަން މަމްދޫޙު ދިރިއުޅެމުންދިޔަ އެފް.ޑަބްލިއު ރެޒިޑެންސްގެ ޕެންޓްހައުސްއަކީ، ސައްޙަ ނޫން ލިޔުންތައް ހުށަހަޅައިގެން ސޮއި ފޯޖުކޮށް ބޭންކަށް އޮޅުވާލައިގެން ހުޅުވާފައިވާ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް އެކި މީހުން އެޕާޓްމަންޓް ގަތުމަށް ޖަމާކުރި ފައިސާއިން ގަނެފައިވާ ތަނެއްކަން ފައިނޭންޝަލް އެސެސްމަންޓްތަކުން އެނގެން އޮންނަ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އެގޮތުން މި ޕެންޓްހައުސް ގަނެފައިވަނީ 7،862،887.32 (ހަތް މިލިއަން އަށްލައްކަ، ފަސްދޮޅަސް ދެހާސް އަށްސަތޭކަ އަށްޑިހަ ހަތް ރުފިޔާ ތިރީސް ދޭއް ލާރި) އަށެވެ. މި ތަނުގެ ރަޖިސްޓްރީ ބަދަލުކުރުމަށް މަސައްކަތްކޮށްފައިވާކަންވެސް ތަހްޤީޤަށް ހޯދިފައިވެއެވެ.

މި ވަގުތު މިތަން ވަނީ ކޯޓު އަމުރެއްގެ ދަށުން 01 އަހަރުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ. މިކަން ކޮށްފައިވަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުންނެވެ. 

ދަޢުވާކުރުމުގެ މަސައްކަތް

ފުލުހުންގެ ތަޙްޤީޤުން މިހާތަނަށް ހޯދާފައިވާ ކަންކަމަށް ބަލައި، އެއް އެޕަރޓްމަންޓްއެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކާފައިވާ ބައިގައި ދަޢުވާކުރުމަށް މިހާރު ނިންމާފައިވެއެވެ. މީގެ ތެރެއިން ބައެއް އެޕާޓްމަންޓް 06 މީހުން، އަދި 07 މީހުންނަށް ވިއްކާފައިވާކަންވެސް ފާހަގަކުރެވިފައިވެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *