ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަން އެފްކޮންސްއިން ގެންގުޅުނު ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އަރައި ލިބުނު ގެއްލުންތަކާ ގުޅިގެން އެންވަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކުރި ޖޫރިމަނާގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅަން އެ ކުންފުނިން ނިންމައިފިއެވެ.

އެ މައްސަލައިގައި އީޕީއޭ އިން އެފްކޮންސް ޖޫރިމަނާކޮށްފައި ވަނީ 69.4 މިލިއަން ރުފިޔާއިންނެވެ. މި ޖޫރިމަނާ މުރާޖާކޮށްދިނުމަށް އެފްކޮންސް އިން ވަނީ ތިމާވެއްޓާ ބެހޭ މިނިސްޓަރަަށް ވެސް މީގެ ކުރިން ހުށަހަޅާފައެވެ. ނަމަވެސް އޭރު އެ މަޤާމުގައި ހުންނެވި އައިމިނަތު ޝައުނާ ވަނީ ޖޫރިމަނާއަށް ލުއި ނުދޭން ނިންމަވާފައެވެ.

އެ ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނީ، އެ ޕްލެޓްފޯމް ފަރަށް އަރާފައި ވަނީ އެ ކުންފުނީގެ އިހުމާލަކާ ނުލައި، އެ ކުންފުންޏަށް ބާރު ނުފޯރުވޭ ފަދަ ބިޔަ ރާޅުތަކެއްގެ ސަބަބުން ކަމަށެވެ. އަދި ތިލަމާލެ ޕްރޮޖެކްޓުގެ ތެރެއިން ފަރަށް ގެއްލުން ލިބޭނެކަން އީއައިއޭ ރިޕޯޓުގައި ބަލައިގަނެ، ފަހުން ހެދި އެސެސްމަންޓުގައި ވެސް އެ ކުންފުނީގެ އިހުމާލެއް ބަޔާންކޮށްފައި ނުވާއިރު، ޖޫރިމަނާ ކުރީ އެ ކުންފުނިން ކުރި ކަމެއް ސާބިތުކޮށްދިނުމަކާ ނުލައި ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

އެ ކުންފުނިން ހުށަހަޅާފައިވަނީ، އެ ޖޫރިމަނާއާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އީޕީއޭ އާއި ކަމާބެހޭ މިނިސްޓްރީތަކުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ. ނަމަވެސް ދައުލަތުން ކޯޓުގައި ބުނެފައި ވަނީ މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދޭން ޖެހޭ ފަދަ ޤާނޫނީ ހަމައެއް ނެތް ކަމަށެވެ. އަދި އެފްކޮންސްއަކީ މަޝްހޫރު ކުންފުންޏަކަށްވުމުން އެ ފަރާތަށް ލިބިދާނެ ކަމަށް ބުނާ "ރެޕިއުޓޭޝަނަލް ލޮސް" އަކީ ވަގުތީ އަމުރެއް ނެރެދޭންޖެހޭ ފަދަ ހާލަތެއް ނޫން ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

ވިލިމާލޭ ފަރަށް އެފްކޮންސްގެ "ޔުވްރާޖް" ޕްލެޓްފޯމް އެރީ، ނަގިއްޔަށް ދިމާވި ޓެކްނިކަލް މައްސަލައެއް ސަބަބުންނެވެ. އެ ޕްލެޓްފޯމު އެތަނުން ނެގޭވަރުވީ، ފަރަށް އެރިތާ 12 ދުވަސްވީ ފަހުންނެވެ. ފަރަށް ލިބުނު ގެއްލުންތައް ސާވޭކުރިއިރު، ފަރުގައި ފުންމިނުގައި 10 ފޫޓު ހުންނަ ބޮޑެތި ވަޅުގަނޑުތައް ވަނީ ހެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *