ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމު އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތްޕުޅު ކުރައްވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ މިއަދު އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ޕީއެންއެޕް އުފެއްދުމުގެ ހުއްދަ އާއި އެކު މިއަދުން ފެށިގެން 3 މަސް ދުވަހުގެތެރޭގައި 3،000 މެންބަރުން ހަމަކުރުމުގެ ހުއްދަ ޕީއެންއެފް އާއި ހަވާލުކުރެއްވީ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު އެވެ. އެ ހުއްދައާއި ހަވާލުވެވަޑައިގެންނެވީ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނެވެ.

ރައީސް ޔާމީން އުފައްދަވާ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ދޮށީ ދަރިކަލުން ޒޭން އަބުދުﷲ ޔާމީން އެވެ. ޒޭން ގެ އިތުރުން އެ ޕާޓީގެ މުއައްސިސުންގެ ގޮތުގައި ޔާމީނާއި، ރައީސް ޔާމީންގެ ވެރިކަމުގެ ކުރީކޮޅު ނައިބު ރައީސްކަމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، ފުލުހުންގެ ކުރީގެ ކޮމިޝަނަރ ހުސެއިން ވަހީދާއި، މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާގެ އިތުރުން އަދްލީ އިސްމާއީލް އާއި ޑރ. ޖިހާދު ހަސަން އަދި ކަކާގޭ އަލީ އާދަމް ތިއްބަވާނެ ކަމަށް އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ތިއްބެވި ފަރާތްތަކުން ހަމަޖެއްސިއެވެ. އެހެންނަމަވެސް ޕާޓީގެ މުއައްސިސެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވޭނީ އެންމެ މެންބަރެކެވެ.

ޕީޕީއެމުން ވަކިވެވަޑައިގެން އައު ސިޔާސީ ޕާޓީއެއް ހެއްދެވުމަށް ރައީސް ޔާމީން ނިންމެވީ ޕްރޮގްރެސިވް ކޯލިޝަނުގެ ލީޑަރޝިޕުން ރައީސް ޔާމީން އެއް ފަރާތްކޮށްފައިވާތީ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުގެ ވަކީލް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ. އަދި ރައީސް ޔާމީން ފޯނު ކުރެއްވުމުން ޑރ. މުއިއްޒު ފޯނަން ޖަވާބު ނުދެއްވާ ކަމަށާއި، ޖަލު ހުކުމުން މިނިވަން ނުކުރުމުން ރައީސް ޔާމީންގެ އަރިސް ބޭފުޅުން ގެންދަވަނީ ރައީސް މުއިއްޒަށް ނުރުހުމުގެ ބަސްތައް ރައްދުކުރަމުންނެވެ.

ރައީސް ޔާމީން އުފައްދަވާ އާ ޕާޓީން ރައްޔިތުން މަޖިލީހުގެ ކުރިޔަށް އޮތް އިންތިހާބުގެ ގިނަ ގޮނޑިތަކެއް ހޯދުމަށް މަސައްކަތް ކުރާނެއެވެ. އަދި އެ ޕާޓީގެ ކެންޑިޑޭޓެއް މާލޭގެ މޭޔަރުގެ މަގާމަށް ހޮވުމަށްވެސް އެ ޕާޓީން މަސައްކަތް ކުރާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *