މާލިއްޔަތުގެ ގާނޫނާ ހިލާފަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކުރައްވާފައި ނުވާނެ ކަމަށް ނިމިގެން މިދާ ސަރުކާރުގެ ފިނޭންސް މިނިިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ ކުރިއަށް އޮތް 2024 ވަނަ އަހަރަށް ހުށަހަޅާފައި ދައުލަތުގެ ބަޖެޓާ ގުޅިގެން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގޮތް ނޫން ތަފާތު ގޮތަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ނުވާނެ ކަމަށް ގާނޫނުއަ ސާސީ އާއި މާލިއްޔަތުގެ ގާނޫނުގައި ހާމަކޮށްފައިވާއިރު އަމީރު ބަޖެޓުން ހަރަދު ކޮށްފައިވަނީ އެއާ ހިލާފަށް ކަމަށް މެންބަރު އަފީފު ތުހުމަތު ކުރެއްވިއެވެ. އަފީފު ވިދާޅުވީ މިއަހަރަށް އިތުރަށް ބޭނުންވެގެން ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅާފައި ވަނީ، އެ ބަޖެޓް ފާސް ނުކޮށް އޭގައި ހިމެނޭ ފައިސާ ހަރަދުކޮށްފައި ވާތީކަމަށެވެ.

އަދި މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅާފައިވަނީ ގާނޫނާ ހިލާފަށް ކަމަށްވެސް އަފީފު ވިދާޅުވިއެވެ.

އަފީފަށް ޖަވާބުދެއްވަމުން އަމީރު ވިދާޅުވީ މާލިއްޔަތުގެ ގާނުނާ ހިލާފަށް ބަޖެޓުން އެއްވެސް ހަރަދެއްް ކޮށްފައި ނުވާނެ ކަމަށާއި މަޖިލީހަށް ސަޕްލިމަންޓަރީ ބަޖެޓު ހުށަހަޅާފައިވަނީ މިހިނގާ 2023 ވަނަ އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްނުވެ ބާކީ އޮއްވައި ކަމަށެވެ.

މި ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ހޭދަކޮށްފައިވަނީ 40.4 ބިލިއަން ރުފިޔާ ކަމަށްވާއިރު ސަޕްލިމަންޓަރީ ބަޖެޓު ހުށަހަޅާފައި ވަނީ ފާސްކުރި ބަޖެޓު ހުސް ނުވަނީސް، ގާނޫނާ އެއްގޮތަށް ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *