ފަލަސްތީނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހާރިޖީ ވަޒީރު އަބުދުﷲ ޝާހިދު ފަލަސްތީނުގެ ހާރިޖީ ވަޒީރު ރިއާދް އަލް މަލްކީ އަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ފަލަސްތީނުގެ މިނިވަންދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 15 އެވެ. އިނގިރޭސިންގެ އަތްދަށުން ފަލަސްތީނަށް މިނިވަންކަން ލިބުނީ އަރަބިންނާއި ޔަހޫދީން ވަކިވަކިން ދައުލަތް ހެދުމަށް އދ އިން ނޮވެމްބަރު 1947 ގައި އިރުޝާދު ދިނުމާއި ގުޅިގެންނެވެ.

ދެވަނަ ބޮޑުހަނގުރާމައިގައި ނާޒީންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް 1948 ވަނަ އަހަރު ފަލަސްތީންގެ ހައިފާ ބަނދަރަށް ޔަހޫދީންނާއި އެކު އައި ބޯޓެއް އިނގިރޭސި ސިފައިން ބަލާ ފާސްކުރަނީ

15 މޭ 1948 ގައި އޭރުގެ އިސްތިއުމާރީ އިނގިރޭސި ސިފައިން ފަލަސްތީނުން ފައިބައިގެން ދިޔައީ އަރަބިންނާއި ޔަހޫދީންނާއި ދެމެދު ހަނގުރަމަ ކުރުމަށް ދޫކޮށްލާފައެވެ. މިއަދާ ހަމައަށްވެސް އެ ހަނގުރާމަ ދިގުލައިގެން ގޮސް ފަލަސްތީނަށް ވަނީ ހަގީގީ މިނިވަންކަމެއް ނުލިބި އިޒްރޭލާއި އެކު ކޯޅުންގަޑެއްގެ ތެރޭގައެވެ.

1947 ވަނަ އަހަރު ޔަހޫދީން ރެފިއުޖީން ފަލަސްތީނުގެ ހައިފާ ބަނދަރުގައި. އަރަބިންގެ ބިންތަކަށް އައި ޔަހޫދީން ރެފިއުޖީން އެ ބިންތަކުގައި ވަޒަންވެރިވުމަށް ފުރުސަތު ދިނީ އިނގިރޭސިން

ފަލަސްތީނުގެ ސިޔާސީ ކަންތައްތައް އޮތް ގޮތުން މިއަހަރުގެ މިނިވަން ދުވަހާއި ކުރިމަތިލާން މިޖެހުނީ، ފަލަސްތީނަށް ކުރިމަތިލާން ޖެހިފައިވަނީ މައި ސަރުކާރުގެ އެއްވެސް ބާރެއް ނެތި، ސިޔާސި ވަކި ޕާޓީއެއް ކަމުގައިވާ ހަމާސް އިން ކޮންޓްރޯލް ކުރާ ޣައްޒާގެ މިނިވަންކަން ގެއްލި އެކި ސަރަހައްދުތަކަށް އިޒްރޭލުން ބޮން އަޅާ ސުންނާފަތި ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިއަދު ޣައްޒާގެ އާންމުންގެ ގެދޮރާއި އިމާރާތްތައް އިޒްރޭލު ސިފައިން ދަނީ ބިމާ ހަމަކުރަމުން

މިއަދު މިވަނީ ހަމާސް އާއި އިޒްރޭލާއި ދެމެދު އޮތް ރުޅިވެރިކަމުގެ އައްޑަނައަކަށް ގިނަ އަދަދެއްގެ ކުށެއްނެތް އާންމުން ހަދާފައެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ހަނގުރާމަ އިއުލާނުކޮށް ވައިގެ މަގުންނާއި އެއްގަމު މަގުންވެސް އަންނަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިއްޔެއާއި ހަމައަށް ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދުވަނީ 11،320 އަށް އަރާފައެވެ. އޭގެ ތެރޭގައި 4،650 ކުޑަކުދިންނާއި، 3،145 އަންހެނުން ޝަހީދުކޮށްލާފައިވެއެވެ.

ތުއްތު ކުދިންގެ އާއިލާތައް ގެއްލި ޔަތީމުވެގެންދާއިރު ޔަހޫދީން ދަނީ ޣައްޒާގެ އާންމުން ވަގުތީ ބޯހިޔާވަހިކަން ހޯދަމުން އަންނަ ސުކޫލުތަކާއި ހޮސްޕިޓަލްތަކަށްވެސް ބޮން އަޅަމުންނެވެ.

ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެނާއި، ކާނާއާއި ބޭހާއި ސިއްހީ ފަރުވާއާއި ކަރަންޓުންވެސް މަހުރޫމުކޮށް އިޒްރޭލުން ދަނީ މުޅި ޣައްޒާ ފަނާކޮށްލުމުގެ ބޮޑު ހަނގުރާމައެއް ކުރިޔަށް ގެންދަމުންނެވެ.

ރާއްޖެއަކީ ފަލަސްތީނާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. ދިވެހި ސަރުކާރުން އަބަދުވެސް ބައިނަލްއަގްވާމީ މުޖުތަމައުގައި ގޮވާލަމުންދަނީ ފަލަސްތީނުގެ މިނިވަން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *