ޅ. އަތޮޅަށް ގެންދިޔަ ދެ ފެރީ - ފޮޓޯ: އެމްޓީސީސީ

ނ.އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ޚިދުމަތް އަންނަ މަހު ފެށުމަށް ތައްޔާރީތައް ވަމުންއަންނަކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗައިން ބުނެފިއެވެ.

އާރްޓީއެލްގެ ޚިދުމަތަކީ، އަވަސް، ލުއިފަސޭހަ، އަގުހެޔޮ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރައްޔަތަކާއި އަތޮޅުތައް ގުޅާލުމަށް ސަރުކަރުން ފައްޓަވާފައިވާ ޚިދުމަތެކެވެ. ނޫނު އަތޮޅު ވެގެންދާނީ މި ޚިދުމަތް ފަށާ ނުވަވަނަ އަތޮޅަށެވެ.

ނޫނު އަތޮޅުގައި ފެރީގެ ޚިދުމަތް ފަށަން ތައްޔާރުވެފައިވާ އިރު، ޕްލޭނިންގ މިނިސްޓްރީން ބުނީ، އެ އަތޮޅުގައި ޚިދުމަތް ފެށުމަށް ބޭނުންވާ ހައިސްޕީޑް ފެރީތައް ބަނުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށެވެ.

11،000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ނޫނު އަތޮޅުގައި މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 4 ރޫޓަކަށް ބަހަލައިގެންނެވެ. އަދި އެ އަތޮޅުގައި ފެރީގެ ޚިދުމަތް ދިނުމަށް 3 ހައިސްޕީޑް ފެރީ ބޭނުންކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ނަމަވެސް މި ޚިދުމަތް ފުރަތަމަ ފަށާއިރު ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ 2 ފެރީ ކަމަށް ޕްލޭނިންގ މިނިސްޓްރީން މަޢުލޫމާތުދެއެވެ.

3 ފެރީއާއެކު ޚިދުމަތް ފުރިހަމަވެގެންދާއިރު، މާފަރު އެއަރޕޯޓަށް ޚާއްސަ ކަނެކްޝަން ރޫޓެއް އޮންނާނެކަމަށާއި، ރޫޓްތައް ރާވާލާފައިވާގޮތުން، ދަތިތައް ކުރިމަތިނުވެ ޚިދުމަތް ދެވޭނެކަމަށް އެ މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ކޮންމެ ޒޯނެއްގައިވެސް ފުރަތަމަ ހަފްތާގައި ކުރިއަށްގެންދަނީ ތަޖުރިބާ ދަތުރުތަކެވެ. މިިއީ އެއްވެސް އަގެއް ނުނަގާ ކުރިއަށްގެންދާ ދަތުރުތަކެވެ. އަޖުމަބެލުމުގެ ދަތުރުތަކަށްފަހު، އެއްވެސް ބަދަލެއް ގެންނަން ފެންނަނަމަ އެ ބަދަލެއް ގެންނާނެއެވެ.

ނޫނު އަތޮޅުގައިވެސް ފެރީ ދަތުރުގެ އަގު ކަނޑައާޅާނީ ޖީބަށް ލުއި، ކުޑަ އަގެއްގައެވެ. ނަމަވެސް އަދި ރޫޓޫތަކާއި، އަގުތަކުގެ ތަފްސީލް މިނިސްޓްރިންހާމަކޮށްފައެއް ނުވެއެވެ.

މި ޚިދުމަތް ފެށުމުގެ ތައްޔާރީތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އަންނަނީ ވަމުންނެވެ. އަދި މިހާރު ކުރިއަށްދަނީ ޚިދުމަތަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތްތައް ކަމަށް މިނިސްތްރީން މަޢުލޫމާތުދެއެވެ.

އަދި އާއްމުން ހޭލުންތެރިކުރުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ހިންގުމަސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *