ގެވެށި ގުޅުން ކެމްޕޭންގެ ދަށުން އުފައްދާފައިވާ ފިލުމު "ޒޯޔާ" މެޑަމް ފަޒްނާ އިފްތިތާހު ކޮށްދެއްވަނީ - ފޮޓޯ: ރައީސް އޮފީސް

ގެވެށި ގުޅުން ކެމްޕޭންގެ ދަށުން އުފައްދާފައިވާ ފިލުމު "ޒޯޔާ" ރޭ އޮލިމްޕަހުގައި މެޑަމް ފަޒްނާ އިފްތިތާހު ކޮށްދެއްވައިފިއެވެ.

ގެވެށި ގުޅުން ކެމްޕޭންގެ ދަށުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި އުފެއްދި ފިލްމް 'ޒޯޔާ' އަކީ 90 މިނިޓްގެ ފިލުމެކެވެ.

މިއީ ވާހަކަ ލިޔުންތެރިޔާ މަހްދީ އަހުމަދު ލިޔުއްވާފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލުމެކެވެ. މި ފިލުމުން ދައްކުވައިދެނީ އާއިލީ ގުޅުމުގެ މުހިންމު ކަމާއި، ގެވެށި އަނިޔާގެ ޝީކާރައަކަށްވެފައިވާ މީހަކަށް އާއިލާ އާއި މުޖުތަމައުގެ އަޅާލުމާއި އެއްބާރުލުން ދިނުމުގެ މުހިންމު ކަމެވެ.

ގެވެށި ގުޅުން ކެމްޕޭންގެ ދަށުން އުފެއްދި ފިލްމު 'ޒޯޔާ' އިފްތިތާހުކުރުމުގެ ހަފްލާގެތެރެއިން: ފޮޓޯ: ރައީސް އޮފީސް

ފިލްމް ޒޯޔާ އިފްތިތާހު ކުރުމަށް ރޭ އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އަރިހުގައި ޖެންޑާ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ އާއި ތާރީހާއި، ތަރިކަ އާއި ފަންނާއި ބެހޭ ވަޒީރު ޔުމްނާ މައުމޫންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގެވެށި ގުޅުން ކެމްޕޭނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2020 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ފެއްޓެވި ޤައުމީ ކެމްޕޭނެކެވެ. މިއީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގެވެށި އަނިޔާ ހުއްޓުވުމާއި ފެއްޓެވި ކެމްޕޭނެކެވެ.

ހާއްސަ އިސްކަމެއް ދީގެން، ޖެންޑާ މިނިސްޓްރީގެ ފަރާތުން ގެވެށި ގުޅުން ކެމްޕޭން ޕްރޮމޯޓްކުރުމުގެ މަގްސަދަކީ ގެވެށި އަނިޔާއިން ރައްކާތެރިވުމަށާއި، އަނިޔާ ރިޕޯޓްކުރުމަށް މުޖުތަމައު ހޭލުންތެރިކުރުވުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *