މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ހައިބަތާއި ކަރާމާތް ހިފަހައްޓަން މެންބަރުންގެ ސުލޫކީ ގަވާއިދެއް ހަދަން މަސައްކަތް ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް ވިދާޅުވީ މަޖިލީހަކީ ކޮންމެ ދުވަހަކު ސިޔާސީ ކަންތައްތަކެއް ހިނގާ ތަނެއް ނޫން ކަމަށެވެ. އަސްލަމް މިހެން ވިދާޅުވީ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރިޔާސަތުން އަންގާ އެނގުމުގެ ގޮތުގައެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރާތީ، މަޖިލީހަކީ ކޮންމެ ދުވަހަކު ސިޔާސީ ކަންތައްތަކެއް ހިންގާ ތަނެއް ކަމަށް ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެކަން އޮތީ އެހެނަކުން ނޫންކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ގާނޫނު ހެދުމުގައްޔާއި ސަރުކާރު ޖަވާބުދާރީ ކުރުމުގެ މުހިއްމު މަސައްކަތްތަކެއް ކުރިއަށް ދާއިރު މަޖިލީހުގެ ހައިބަތާއި ގަދަރު ހިފެހެއްޓުމަކީ މަޖިލީހުގެ ރައީސެކޭ އެއްފަދައިން އިއްޒަތްތެރި މެމްބަރުންގެ ވެސް މަސްއޫލިއްޔަތެއްކަމަށެވެ. އެހެން ކަމުން މަޖިލީހުގެ ނިޒާމު ނުގެއްލި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތަށް އިންތިޒާމުކުރުމަކީ މުހިއްމު ކަމެއް ކަމަށް ފެންނާތީ ބައެއް ފިޔަވަޅުތައް އަޅަން ގަސްދުކުރާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އެގޮތުން އަޅަން ގަސްތުކޮށްފައިވާ ފުރަތަމަ ފިޔަވަޅަކީ މަޖިލީހުގެ ސުލޫކީ ގަވައިދެއް ކަމަށާއި އެ ގަވައިދު އެކުލަވައިލާ ތަޅުމުން ފާސްކުރަން މަސައްކަތްކުރުންކަމަށެވެ. އަސްލަމް ވިދާޅުވިގޮތުގައި އެއީ ކުރީގެ މަޖިލިސްތަކުގައި ވެސް އަމަލުކޮށްފައި އޮތް ގޮތްކަމަށް ފާހަގަކުރެއްވިއެވެ. އަދި ދެވަނަ ފިޔަވަޅަކީ މަޖިލީހަށް ހާޒިރުކުރާ ވަޒީރުންނާއި މަޖިލީހުގެ އެހެނިހެން ބޭފުޅުންނަށް ސަލާމަތާއި ރައްކާތެރިކަން ދިނުންކަމަށްވާއިރު މަޖިލީހުގެ އިދާރީ ބޭފުޅުން އެ އިންތިޒާމު ހަމަޖައްސަވުމަށް އަސްލަމް ވަނީ އަމުރުކުރައްވާފައެވެ.

ބެލެވޭގޮތުގައި އަސްލަމް މިފަދައިން އަމުރުކުރައްވާފައިވަނީ ބަޖެޓު ހުށަހެއްވުމަށްޓަކައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގަތުމުން، އެ މަނިކުފާނަށް ހުރަސް އަޅުއްވައި، ވަޒީރު ވާހަކަ ދައްކަވަން މޭޒުގައި ހުރި މައިކްގައި މެމްބަރަކު ޖެހުމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *