މާލޭ ޖަލަށް ގައިދީންތަކެއް ވައްދަނީ --

މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު އޮތް ގޮތުން، އެއްވެސް މަރުޙަލާއެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރެއް ނޯންނަ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ހުސެއިން ޝަމީމު އޭނާގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުމެއްގައިވަނީ ކްލެމެންސީ ބޯޑުގައި ޕްރޮސިކިއުޓަރ ޖެނެރަލް ތަމްސީލުކުރައްވާ ބޭފުޅަކު ނުވެސް އިންނަވާ ކަމަށެވެ.

މައްސަލައެއްގައި ޙުކުމެއް ކުރުމަށްފަހު، އެޙުކުމަށް ދެން ހަދާ ގޮތަކީ، ޕީޖީ އޮފީހުގެ ދައުރެއް އޮންނަ ކަމެއް ނޫން ކަމަށާއި، އެމީހާ ޙުކުމް ތަންފީޒުކުރަނީ ޖަލުގައިތޯ، ގޭގައިތޯ އެއީ ޕީޖީ އޮފީހުގެ ބަހެއް ހޯދަންޖެހޭ ކަމެއް ނޫން ކަމަށްވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

އެކަން ކުރައްވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކަމަށާއި، އެކަމާ ގުޅިގެން އުފެދޭ ސުވާލުތަކަށް ޖަވާބު ދެވޭނީވެސް އެސަރވިސްއަށް ކަމަށް ޕީޖީ ވިދާޅުވިއެވެ.

ދާދި ފަހުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ބަޔަކަށް މަޢާފު ދެއްވި މައްސަލައިގައިވެސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބަހެއް ހޯއްދަވާފައެއް ނުވޭ. ހޯއްދަވާކަށް ނުވެސް ޖެހޭ. ޤާނޫނީ ނިޒާމު މިހާރު އޮތް ގޮތުން، މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ރައީސަށް ފުޅާ ބާރުތަކެއް ލިބޭ"

ޝަމީމް ވިދާޅުވީ އެބާރު ބޭނުންކުރައްވާ ގޮތާމެދު ސުވާލު އުފެއްދުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.

އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުންނާއި ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ މީހެއްގެ ހައިސިއްޔަތުން، ދެރައާއި ހިތްހަމަނުޖެހުމާއި، ފްރަސްޓްރޭޝަނާއި ކަންބޮޑުވުން ކުޑައެއް ނޫނެވެ. ނަމަވެސް، ޕްރޮސިކިއުޓަރ ޖެނެރަލަށް ކަމަކާ ބެހެވޭނީވެސް، ކަންބޮޑު ވެވޭނީވެސް، ރުޅިއާދެވޭނީވެސް، ރުހެވޭނީވެސް، އުފާ ވެވޭނީވެސް ޤާނޫނުގައި ބެހޭށާއި ކަންބޮޑުވާށާއި ރުޅި އަންނާށާއި ރުހޭށާއި އުފާވާން ފުރުޞަތު ދީފައި އޮތްނަމަ"

މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ހެއްދެވިއިރު، ޕްރޮސިކިއުޓަރ ޖެނެރަލެއް ހުންނާނެކަން އެނގިހުރެ، އޭނާގެ ދައުރެއް ނޯންނަ ގޮތަށް ޤާނޫނު ލިޔުނީ ކޮންމެވެސް މުހިންމު މަޤްޞަދެއް ޙާޞިލުކުރާންކަމަށް ބަލަންޖެހޭ ކަމަށެވެ.

ހަމަ ހުރެފައި، ޤާނޫނެއް ނުލިޔާނެ ކަމަށާއި، ޤާނޫނު ލިޔާއިރު ކަންކަން ހަނދާނުން ކައްސާލާފައި އޮވެދާނެކަމަށް ބަލައިގެން ނުވާނެ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

މިކަމުގައި ޢާންމުންގެ މެދުގައި އޮތް ނުތަނަވަސްކަމަށް އޮތް ޙައްލަކީ، ރައްޔިތުންގެ މަޖިލީހުން ގެނެސްދެވޭނެ ޙައްލެއް ކަމަށާއި، ޢާންމުންގެ ޚިޔާލާއި ފިކުރާ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުން ޤާނޫނުތައް އިޞްލާޙުކުރާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށްވެސް ޝަމީމު ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ޢަފޫކުރުމުގެ ވާހަކަ އޮތީ ރައީސް މައުމޫންގެ ދައުރުގައި 1998 ގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގަ

އެމާއްދާގައި އޮތީ، "ކުށްވެރިންނަށް ޢަފޫކުރުމާއި ކުށްވެރިންގެ އަދަބު ލުއިކޮށް ދިނުމުގެ ބާރު ލިބިގެންވަނީ، ރައީސުލްޖުމްހޫރިއްޔާއަށް" ކަމަށް ޝަމީމު ސާފުކޮށްދެއްވިއެވެ. މިމާއްދާއިން، އެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދީފައި އޮތީ މުޠްލަޤަށެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޤާނޫނުގައި ޙައްދެއް އިމެއް ނެތަތީވެ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު އެބާރު ބޭނުންފުޅު ކުރެއްވީވެސް އެއްވެސް އިމެއް، ޙައްދެއް ނެތި ކަމަށާއި، ޝަމީމްމެންގެ ޖީލު ބޮޑުވީ، ޖުމްހޫރީ ދުވަހާއި ޖުލައިން ސައްބީހާ ގުޅުވައިގެން "ޢަފޫ ޢާންމެއް" ގައި އަޅައިގަންނަ ވާހަކަ އަޑުއަހަމުން ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު ފާސްކުރީ ރައީސް ނަޝީދުގެ ވެރިކަމުގައި

2008 ވަނަ އަހަރުގެ "ފެހި" ޤާނޫނުއަސާސީގެ ރޫޙަކީ، ޤާނޫނުއަސާސީން މުޠުލަޤު ބާރު ނުދީ، އެބާރުތައް ޤާނޫނުތަކުން ހަނިކުރެވޭ ގޮތަށް އޮތުމެވެ. ޢަފޫ ޢާންމު ދިނުމުގެ ބާރުވެސް، އައު ޤާނޫނުއަސާސީން ހަނިކުރި ކަމަށާއި،  ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޒ) ގައި އޮތީ، "ޖިނާއީ ކުށްތަކުގައި ޙުކުމްކޮށްފައިވާ، އިސްތިއުނާފްކުރުމުގެ އިތުރު ފުރުޞަތެއް ނެތް މީހުންގެ ތެރެއިން، ވަކިވަކި ފަރުދުންގެ ކުށަށް ޤާނޫނުގައިވާ ގޮތުގެމަތީން މަޢާފް ދިނުމާއި، އަދަބު ލުއިކޮށްދިނުން" އެއީ ރައީސްގެ ބާރެއް ކަމަށް އެ ޤާނޫނުގައި ލިޔުނު ކަމަށް ޝަމީމް ވިދާޅުވިއެވެ.

ދެ ޝަރުޠެއް އެބައޮތެވެ. އެއީ، އިސްތިއުނާފުކުރުމުގެ ފުރުޞަތެއް ނެތުމާއި ޤާނޫނުގައި އެކަން ކުރާނެ ގޮތް ލިޔެފައި އޮތުން."

އެކަމާ ގުޅިގެން ފާސްކުރި ޤާނޫނަކީ، ޤާނޫނު ނަންބަރު 2010/2 (މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) އެވެ. އެއީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށާއި، ނަމަވެސް، އެޤާނޫނުގެ 29 ވަނަ މާއްދާ (މަޢާފުދިނުމުގެ ޚާއްޞަ އުޞޫލު) އަށް ބެލުމުން، އެދުވަސްވަރުގެ ޙާލަތާއި، މިޤާނޫނު އުފެދިގެން އައި ގޮތުގެ ތާރީޚީ ޙަޤީޤަތްތައް ހާމަވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެ މާއްދާ ޚާއްޞަކޮށްފައި އޮތީ، ޤާނޫނު އަސާސީއާއެކު، ޖިނާއީ ޢަދުލުގެ ނިޒާމާށް ގެނެވުނު އަސާސީ ބައެއް ބަދަލުތަކުގެ މަންފާ ނުލިބި، ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދިޔަ މީހުންނަށް ޚާއްޞަ އުޞޫލެއް ހަދައިދެވޭތޯ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މިސާލަކަށް، 7 އޮގަސްޓް 2008 ގެ ފަހުން ކުށެއްކަމަށް ނުބެލެވޭ ކަމެއް، އޭގެ ކުރިން ކުށެއް ކަމަށް ބެލިގެން ޙުކުމެއް ތަންފީޒުކުރަމުންދާ މީހުންނާއި، ތަޙްޤީޤުގައި ވެފައިވާ އިޢުތިރާފުގެ މައްޗަށް އެކަނި ބަލައިގެން ކުށް ސާބިތުވެފައިވާ މީހުންނަށް ޚާއްޞަ އުޞޫލު ތަޢާރަފުކުރީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށް ޕީޖީ ވިދާޅުވިއެވެ.

މިޤާނޫނުގައި މައްސަލަ އޮތީ ދެކަމެއްގަ

ފުރަތަމަ ކަމަކީ، އެޤާނޫނުގެ 7 ވަނަ މާއްދާ (އިލްތިމާސް ހުށަހެޅޭނެ މުއްދަތު) ގައި، އަދަބު ލުއިކޮށްދިނުން އެދި އިލްތިމާސެއް ހުށަހެޅޭނީ އެމީހެއްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބަށް ކަނޑައަޅާފައިވާ މުއްދަތުގެ ތިންބައިކުޅަ އެއްބައި ތަންފީޒުވެ ދިޔުމަށްފަހު ކަމަށް އޮތް މާއްދާ ކަމަށާއި، އޭގެ މާނައަކީ، 20 އަހަރުގެ ޖަލު ޙުކުމެއްނަމަ، 6 އަހަރާއި 6 މަސްދުވަސް ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އޭނާ އަށް އަޅުގަނޑަށް ފެންނަނީ ކްލެމެންސީގެ އުޞޫލު އުވާލަން. ނަމަވެސް، އެކަން ބާއްވާނަމަ، އެކަން އޮންނަންވީ މަދުވެގެން ހަތަރުބައިކުޅަ ތިންބައި ތަންފީޒުކޮށް ނިމުމުން. އޭރުން، 20 އަހަރުގެ ޙުކުމެއްނަމަ، 15 އަހަރު ތަންފީޒުކުރަންޖެހޭނެ.

މިކަން މިހެން އޮއްވާ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި، 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހު، މަހިބަދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު، މިޤާނޫނަށް އިޞްލާޙެއް ހުށަހެޅުއްވި ކަމަށާއި، އޭނާގެ ހުށަހެޅުމަކީ، އިލްތިމާސްއަށް ހުށަހެޅޭނެ މުއްދަތު ތިންބައިކުޅަ އެއްބައި އޮތްތަން، ހަތަރުބައިކުޅަ އެއްބަޔަށް ކުޑަކުރަން ކަން ޝަމީމް ފާހަގަކުރެއްވިއެވެ.

އޭގެ ބޭނުމަކީ، ޖަލުގައި ތިބި ޒުވާނުން ޖަލުން ނެރި، މުޖްތަމަޢަށް ފައިދާހުރި ބަޔަކަށް ހެދުން ކަމަށް ބުނެ ކަމަށާއި،  އޭގެ ނަތީޖާއަކީ، 20 އަހަރުގެ ޙުކުމެއް އޮތް މީހަކު، 5 އަހަރު ތަންފީޒުކުރުމުން، އިލްތިމާސްއަށް ހުށަހަޅަން ފުރުޞަތު ލިބުން ކަމަށް ޝަމީމް ފާހަގަ ކުރެއްވިއެވެ.

ޖިނާއީ ޢަދުލުގެ ނިޒާމުގައި، މީހުންނަށް އަދަބު ދިނުމާއި، އެ އަދަބަށް ވަކި ހިސާބަކުން މަޢާފު ދިނުމަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ހިނގާކަމެއް ކަމަށާއި، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި އެކަން ކުރާ ގޮތާބެހޭ ގޮތުން ޢާންމުންގެ މެދުގައި ސުވާލު އުފެދިފައިވާތީ، މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނީ ނިޒާމު އޮތް ގޮތާބެހޭ މަޢުލޫމާތު ތާރީޚަށްޓަކައި ލިޔެފައި އޮތުން ބޭނުންތެރިކަމަށް ފެންނާތީ  ލިޔުއްވާފައިވާ ލިޔުމެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ ހައިސިއްޔަތުން އަޅުގަނޑަށް ކަމަކާ ކަންބޮޑުވެވޭނީވެސް، ޤާނޫނުގައި ކަންބޮޑުވާން ފުރުޞަތު އޮވެގެންނެވެ. އަމިއްލަ ގޮތުން ކުރެވޭ އިޙްސާސް ތަފާތުވެދާނެ" ކަމަށް ޝަމީމް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *