"ގްރޭޓާ މާލެ ކަނެކްޓިވިޓީ - މާލެ ޓު ތިލަފުށި ލިންކު ޕްރޮޖެކްޓް" ގެ ކޮންޓްރެކްޓަރ އެފްކޮން އިންފްރާސްޓްރަކްޗާ ލިމިޓެޑުން ޓަގު ބޯޓެއްގެ އެހީގައި ވިލިމާލެ ފަރުގައި އިންވެސްޓިގޭޝަންތަކެއް ހެދުމަށް ބޭނުންކުރަމުން ގެންދިޔަ "ޔުވްރާޖް" ނަމަކަށް ކިޔާ ޕްލެޓްފޯމު، ވިލިމާލޭ ފަރަށް އެރުމާ ގުޅިގެން ކުރި ޖޫރިމަނާ އަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތްކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް، ކްލައިމަޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ނިންމައިފިއެވެ

މި ޕްލެތްފޯމް 16 އޯގަސްޓް 2022 ގައި މިލިމާލެ ފަރުގެ 100 މީޓަރު ދުރުމިނުގެ ސަރަޙައްދެއްގައި ޕޮޒިޝަންކޮށްފައި ވަނިކޮށް، އައި ބޮޑު ރާޅެއްގެ ސަބަބުން ޕްލެޓްފޯމް ޕޮޒިޝަންކޮށްފައި އޮތް ޓަގުބޯޓު ފެޔަށް ގޮސް ވިލިމާލޭ ފަރަށް ވަނީ އަރާފައެވެ.

މި މައްސަލައާއި ގުޅިގެން، ފަރަށް ލިބުނު ގެއްލުން ސާވޭކޮށް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން 13 ނޮވެންބަރު 2022 ގައި ވަނީ 69،411،800 (ފަސްދޮޅަސް ނުވަމިލިއަން ހަތަރުލައްކަ އެގާރަހާސް އަށްސަތޭކަ) ރުފިޔާ އިން ބޯޓުގެ ވެރިފަރާތް ޖޫރިމަނާ ކޮށްފައެވެ.

މިކަމާގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޖޫރިމަނާ އަށް ބަދަލެއް ގެންނަން ނުޖެހޭ ކަމަށް ނިންމާފައި ވަނީ، ބޯޓުގެ ވެރިފަރާތުން 7 ޑިސެންބަރު 2022 ގަި އީޕީއޭގެ ނިންމުން މިނިސްޓްރީއަށް އިސްތިއުނާފުކުރުމަށް ހުށަހެޅުމާގުޅިގެން އެ މައްސަލަ ދިރާސާކުރުމަށް ފަހުގައި ކަމަށެވެ.

އެ މައްސަލަ ދިރާސާކޮށް މިނިސްޓްރީގެ ލީގަލް ޓީމުން ތައްޔާރުކުރި ރިޕޯޓް ނިންމާފައި ވަނީ 23 ޖަނަވަރީ 2023 ގައެވެ. މި މައްސަލައިގައި ގޮތެއް ނިންމުމުގައި މެރިޓައިމް ދާއިރާގެ ފަންނީ ލަފާ ހޯދަން އެ ރިޕޯޓުގައި ލަފާދީފައިވާތީ، ފަންނީ ލަފާ  ހޯދުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ސެންޓާ ފޯ މެރިޓައިމް ސްޓަޑީސް އަށް 11 މެއި 2023 ގައި ވަނީ ސިޓީ އެއް ފޮނުވާފައެވެ.

އެ މުއައްސަސާއިން މައްސަލަ ދިރާސާކުރުމަށްފަހު އެ މުއައްސަސާއަށް ފެންނަގޮތުގެ ރިޕޯޓް މިންސްޓްރީ އަށް ވަނީ 23 ޖުލައި 2023 ގައި ފޮނުވާފައެވެ.

ޕްލެޓްފޯމް އުރުމާ ގުޅިގެން ވިލިމާލެ ފަރަށް ލިބިފައި ހުރި ގެއްލުން -- ފޮޓޯ: މިހާރު

މި މައްސަލައިގައި އެ މިނިސްޓްރީން ބެލިބެލުމުން ފާހަގަކުރެވިފައިވަނީ ނަގަންޖެހޭ ކޮންޓްރޯލް މެޝާސްތަކާއެކު އުޅަދު ފަރަށް އެރި ހާދިސާއިން ރައްކާތެރިވުމުގެ ފުރުސަތު މަސައްކަތުގެ ކޮންޓްރެކްޓަރަށް އޮތްކަން ކަމަށް މިކަމާއި ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން، މި މައްސަލައިގައި އީޕީއޭ އިން ކަނޑައަޅާފައިވާ ޖޫރިމަނާ މުރާޖާކޮށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް އެންވަޔަރަންމަޓް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާ ނުވަތަ އެ ފައިސާގެ ބައެއް ތިމާވެއްޓަށް ލިބޭ ގެއްލުން އިއާދަކުރުމަށް ހޭދަކުރުމަށް އީޕީއޭ އަށް ލިބުމަކީ މުހިންމު ކަމެއްކަމުގައިވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި މި މައްސަލައިގެ ޖޫރިމަނާގެ ގޮތުގައި ލިބޭ ފައިސާއިން 15 މިލިއަން ރުފިޔާ އީޕީއޭގެ "އެންވަޔަންމަންޓް ރެސްޓްރޯޝަން ފަންޑް" އަށް ޖަމާކުރުމަށް ނިންމާފައިވާ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

މި ފައިސާ ވިލިމާލެ ފަރަށް ލިބުނު ގެއްލުން ރަނގަޅުކުރުމަށާއި އަދި މިފަދަ މަސައްކަތްތައް ކުރުމަށް އީޕީއޭގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންކުރުމަށްވެސް ވަނީ ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *