ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި އެލިސްޓަށް ބަދަލުތަކެއް އަންނަ ވަރުގެ ޝަކުވާތައް ލިބިފައިވާ ކަމަށް ހައުސިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ފްލެޓް ކޮމިޓީގެ ޗެއާޕާސަން އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ފާއިތުވި ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ. ޕްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ފްލެޓް ލިބުނު މީހުންގެ ލިސްޓު އާންމު ކުރުމާ އެކު ޕޮއިންޓު ލިބިފައި ހުރި ގޮތާ މެދު އާންމުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުރުމުގެ ސަބަބުންނެވެ.
މި ލިސްޓަށް ޝަކުވާހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމާއިއެކު، 7521 ޝަކުވާ ހުށައަޅާފައިވާކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއެވެ. އަދި ޝަކުވާތައް ބެލުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރައްވަމުން ކަމަށް އަކްރަމް ވިދާޅުވިއެވެ.
ހުށަހަޅާފައިވާ ޝަކުވާތަކުގައި ފްލެޓް ލިސްޓަށް ބަދަލު އަންނަވަރުގެ ޝަކުވާތަށް އެބަހުރި ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ. އަދި މި ދައުރު ނިމުމުގެ ކުރިން ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓްލިބުނުކަމުގެ ލިޔުން ހަވާލުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް އަކްރަމް ވިދާޅުވިއެވެ.
ނަމަވެސް ޝަކުވާތައް ބެލުމަށްފަހު އަލުން ލިސްޓް އާންމުކުރައްވާނެ ދުވަހެއް އަކްރަމް ވިދާޅެއްނުވެއެވެ.