އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއަރުވާ އޭގެ ނަފާ އެންމެ އެދެވޭ ގޮތުގައި ރާއްޖޭގެ އިޤްތިޞާދަށް ގެނައުމަށް ދިވެހި ކުންފުނިތަކުގެ ހިއްސާ އެދާއިރާގައި އިތުރުކުރުމަށް ކުރިއަށް އޮތް 2024 އަހަރަށް ލަފާކުރާ ދައުލަތުގެ ބެޖެޓުގައި މުހިންމު ކަންތައްތަކެއް ހިމަނާފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ކުރެވޭނެ ކަންކަމުގެ މައްޗަށް 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އަލިއަޅުވާލަފައެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މިދަނޑިވަޅުގައި "ފޮރިންގ ކަރަންސީ ރިސްކް" ކުޑަކުރުމަށް، އިޔާދަކުރަނިވި ހަކަތަ ދާއިރާއިން މީހުން ބިނާކޮށް މިދާއިރާގައި ޙަރަކާތްތެރިވާ ދިވެހި ކުންފުނިތައް އިތުރުކުރުމަށް ބާރުއަޅަފައިވެއެވެ.

އެގޮތުން ކުރިއަރަމުން އަންނަ ރާއްޖޭގެ ހަކަތައިގެ ސިނާޢަތުގެ ސަބަބުން އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެކަމަށް ބަޖެޓުގައިވަނީ ފާހަގަކޮށްފައެވެ.ކޮންމެ އަހަރަކަށް ކަނޑައަޅާ ބަޖެޓުން ބޮޑު އިންސައްތައެއް ހޭދަކުރަނީ ރާއްޖޭގެ ހަކަތަ އުފެއްދުމަށް ބޭނުންވާ ތެޔޮ ގަތުމަށެވެ.

2017 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކަރަންޓު އުފެއްދުމަށް 5.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ބެޖެޓުގައިވަނީ ފާހަގަކޮށްފައެވެ. އަދި 2022 ވަނަ އަހަރު ތެޔޮ ގަތުމަށް ކުރި ހޭދަ ޖީޑީޕީން 13.5 އިންސައްތައަށް އަރައިފައިވާކަމަށާއި ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ފިއުލް ސަބްސީޑީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވަކަންވެސް ބަޖެޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ރާއްޖެއިން ކަނޑައަޅާފައިވާގޮތަށް ޖުމްލަ ކަރަންޓު އުފައްދާ މިންވަރުގެ 15 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތަކަމުގައި ހެދިއްޖެނަމަ އަހަރެއްގެ މައްޗަށް ތެލުގެ ޚަރަދު 234.1 މިލިއަން ރުފިޔާއަށް ކުޑަކޮށް ކަރަންޓު އުފައްދާ ކުންފުނިތަކުގެ ޚަރަދު އަހަރަކު 197.1 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ.

އަދި ހަކަތައިގެ ޔަޤީންކަން ކަށަވަރުކުރުމަށް އިޔާދަކުރަނިވި ހަކަތައިގެ ސިނާޢަތަށް އިންވެސްޓްކުރަންޖެހޭކަމަށް އަންނައަހަރުގެ ބަޖެޓުގައި ވަނީ ފާހަގަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *