ކުންފުނިތައް އުފެއްދުމާއި، ބެލެހެއްޓުމާއި އަދި ޒިންމާދާރުކުރުމުގައި ޢަމަލުކުރާ ގޮތް ދެނެގަތުމާ ގުޅޭ ހުދުކަރުދާސް އެންޓި ކޮރަޕްޝަން ކޮމިޝަނުން(އޭސީސީ) އާންމުކޮށްފިއެވެ.

މި ހުދުކަރުދާސް އާންމުކޮށްދެއްވީ މިކަމަށްޓަކައި އެ ކޮމިޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމްއެވެ.

މި ކަރުދާހުގެ މައިގަނޑު މަގްސަދަކީ ކުންފުނިތައް އުފެއްދުމުގައި އެ ކުންފުނިތަކުގެ ހަޤީޤީ ވެރިންގެ މައުލޫމާތު އެއްކުރެވޭ މިންވަރު ދެނެގަތުމާއި، ކުންފުނިތަކުން ހިންގާ އަދި ބައިވެރިވާ ކޮރަޕްޝަނުގެ ޢަމަލުތަކާ ގުޅުވައިގެން "ޕްރޮސީޑްސް އޮފް ކޮރަޕްޝަން ލޯންޑަރ" ކުރުމުގައި ބައިވެރިވާ ހާލަތުގައި، އެފަދަ ކަންކަމަށް ފިޔަވަޅު އެޅުމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑު އޮންނަ ގޮތް ދެނެގަތުމެވެ. އަދި ދުނިޔޭގެ ގައުމުތަކުގައި ޢަމަލުކުރާ ބައެއް އުސޫލުތައް ދެނެގަތުމާއި ކުންފުނިތައް އުފެއްދުމާއި، ރަޖިސްޓަރީކުރުން އަދި ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަތުމާއެކު އިސްލާހުކުރުމަށް ލަފަޔާއި އިރުޝާދުދިނުންވެސް ހިމެނެއެވެ.

މިއަދު ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން މަރިޔަމް ވިސާމް ވަނީ ކުންފުނިތަކުގެ ކަންކަން ރެގިއުލޭޓްކުރުމުގައި މިހާރު ދިމާވާ މައިގަނޑު ދަތިތަކާއި، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އޭނާ ވަނީ އޭސީސީން ތައްޔާރުކުރާ ހުދުކަރުދާސްތަކުގެ ހޯދުންތަކުގެ މުހިންމުކަން ފާހަގަކުރައްވާ އޭގެ ސަބަބުން ކުންފުނިތަކުގެ ކަންކަން ރަނގަޅުކުރުމަށް މަގުފަހުވެގެންދާނެކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމްގެ ވާހަކަފުޅުގައި އޭސީސީގެ ރިސަރޗް ޓީމުން ކުރައްވާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވާ އޭނާ ވަނީ ކޮމިޝަނުގެ މަސައްކަތްތައް ވޭތުވެދިޔަ 1 އަހަރާއި 7 މަސްދުވަހުގެ ތެރޭގައި ބައްޓަންކުރެވުނުގޮތާއި ކޮމިޝަނުން އެންމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލާފައެވެ.

އޭސީސީން ކުރި ދިރާސާގައި ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި ކުންފުނިތަކުގެ ބެނެފިޝަލް އޯނަރުންގެ މައުލޫމާތު އެންމެ ފުރިހަމައަށް ނުބެލެހެއްޓުމާއި، ހުށަހެޅޭ މައުލޫމާތު ވެރިފައިކުރުމުގެ މަރުހަލާއެއް ނެތުމާއި، "ބިޒްނަސް ޕޯޓަލް" ގައި ބެނެފިޝަލް އޯނަރުންގެ މައުލޫމާތު ހާމަނުކުރުމާއި، ސަބްސިޑިއަރީ ކުންފުނިތައް ހަރުދަނާކަމާއެކު ރެގިއުލޭޓް ނުކުރެވުމާއި، ސަރުކާރުގެ ކުންފުނިތައް އުފައްދާއިރު އެއް މަޤްސަދެއް ހާސިލްކުރުމަށް އެއް ކުންފުންޏަށްވުރެ ގިނަ ކުންފުނި އެފެއްދުމުގެ ފުރުސަތު އޮތުން، އަދި ތަފާތު މަޤްސަދުތަކުގައި ކުންފުނިތައް އުފައްދައި، އެކި ސަބަބުތަކާހެދި ބައެއް ކުންފުނިތައް އުފެއްދުމުގެ މަޤްސަދު ބަދަލުވެ އިޤްތިސާދަށް ފައިދާވާ މިންވަރަށް މަސައްކަތް ނުކުރެވުމާއި، ކުންފުނިތައް ޒިންމާދާރުކުރުވުމުގެ ޤާނޫނީ ޒިންމާ ފުރިހަމައަށް ލިބިދީފައިނުވުމާއި އަދި އިދާރާތަކުން ގުޅިގެން ކުރެވޭ މަސައްކަތް މަދުކަން ފާހަގަކޮށްފައިވެއެވެ.

ދިރާސާއިން ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމަށް އިދާރީ ގޮތުންނާއި ޤާނޫނީ ގޮތުން ގެންނަ ފެންނަ 18 ލަފާ މި ކަރުދާހުގައި ހުށަހަޅާފައިވާއިރު މި ހުދުކަރުދާސް ކޮމިޝަނުގެ ވެބްސައިޓުގައި މިހާރު ވާނީ އާންމުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *