ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން ގޯތީގެ ރަޖިސްޓްރީ ނުނަގާ 2,000 މީހުން ތިބި ކަމަށް ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.
އަކްރަމް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގޯތީގެ ރަޖިސްޓްރީ ނުނަގާ ތިބި 2000 މީހުންގެ ތެރޭގައި ހިމެނެނީ ފުރަތަމަ ކޯލުން ނުގުޅި ތިބި މީހުންނާއި ރަޖިސްޓްރީ ބަލައި ނާންނަ މީހުން ކަމަށެވެ. އަކްރަމް އިތުރަށް ވިދާޅުވީ ގޯތީގެ ރަޖިސްޓްރީ ދޫކުރުމަށް ހަމަޖެހިފައިވާ ވަގުތު ހަމަވިޔަސް ހުރިހާ ގޯއްޗެއް ހަވާލު ކުރެވެންދެން އެގްރީމަންޓާއި ރަޖިސްޓްރީގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.
އަކްރަމް ވިދާޅުވީ ރަޖިސްޓްރީ ބަލައި ދާންވީ ދުވަސް އެ މިނިސްޓްރީން އެސްއެމްއެސްއެއް މެދުވެރިކޮށް އަންގަމުންދާނެ ކަމަށެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ 9003 ގޯތީގެ ތެރޭގައި ހިމެނެނީ ހުޅުމާލެއިން ދޫކުރާ 1351 ގޯއްޗާއި، ގުޅީފަޅުން ދޫކުރާ 2,219 ގޯތީގެ އިތުރުން ގިރާވަރުފަޅުން ދޫކުރާ 5,433 ގޯއްޗެވެ. އެކަމަށް ހުޅުމާލެއިން 26 ހެކްޓަރު، ގުޅީފަޅުން 42 ހެކްޓަރު އަދި ގިރާވަރުފަޅުން 73 ހެކްޓަރުގެ ބިން ބޭނުންވެ އެވެ.
އެގޮތުން ގިރާވަރުފަޅު ހިއްކައިގެން 169 ހެކްޓަރުގެ ބިން އުފައްދަން ސަރުކާރުން ވަނީ ނިންމާފައެވެ.