ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުގެ މައްސަލައިގަ ހުށަހަޅާފައިވާ ގަރާރު މަޖިލީހުގައި ކުރިއަށް ނުގެންދެވި އޮތް އޮތުމަށް، މަޖިލީހުގެ ނިޒާމުގެ ތެރެއިން ހަތަރު ހައްލެއް އެބައޮތް ކަމަށް މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ޢީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށައެޅި މައްސަލަ ކުރިޔަށް ނުގެންދެވޭތީ މަޖިލީހުގެ ޤަވައިދު މާނަކުރުމަށް އެމްޑީީން ވަނީ ސުޕްރީމްކޯޓަށް ހުށައަޅާފައެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ވާހަކަދައްކަވަމުން މަޖިލީހުގެ އަމީން ޢާއްްމު ފާތިމަތު ނިއުޝާ ވިދާޅުވީ އެ މައްސަލައިގައި އަދިވެސް މަޖިލީހުގެ ނިޒާމުގެ ތެރެއިން ހައްލު ހޯދެން އެބައޮތްކަމަށެވެ. އެގޮތުން ހަތަރު ގޮތެއް އޮތްކަން ނިއުޝާ ވަނީ ފާހަގަކުރައްވާފައެވެ.

އަމީން އާންމު ނިއުޝާ ވަނީ މަޖިލީހުގެ އިދާރާއިން އެ މައްސަލަ ކުރިއަށް ގެންދާނެ ހަތަރު ގޮތެއް ހުށަހަޅުއްވާފައެވެ. އެއީ:

  1. މަޖިލީހުގެ ގަވާއިދުގެ 108 ވަނަ މާއްދާގެ (ށ) ދަށުން މަޖިލީހުގެ އާންމު ކޮމިޓީގެ އަމިއްލަ އިސްނެންގެވުމުގެ މަތިން ގަވާއިދަށް ގެންނަ އިސްލާހެއް ނިންމައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުން.
  2. މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ހިންގުމުގެ އުސޫލަށް ބަދަލު ގެނައުމަށް އާންމު މެމްބަރަކު ގަރާރެއް ހުށަހެޅުން.
  3. މަޖިލީހުގެ ގަވާއިދުގެ 249 މާއްދާގެ (ށ)ގެ ދަށުން ގަވާއިދަށް ގެންނަން ފެންނަ އިސްލާހު މައްސަލައެއްގެ ގޮތުގައި ހުށަހެޅުން.
  4. ގަވާއިދުގެ 205 މާއްދާގައި މިހާލަތުގައި އަމަލުކުރާނެ ގޮތެއް ނެތުމުން އެކަމާ މެދު އަމަލުކުރާނެ ގޮތަކާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުން.

މަޖިލީހުގެ ގަވައިދު މާނަކުރުމަށް އެމްޑީޕީން ސުޕްރީމްކޯަޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލާފައެވެ. މި މައްސަލާގައި ދެން އޮންނާނީ ހުކުމްކުރުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *