ގެދުރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ ފަރާތްތަކަށް ޕޮއިންޓު ދީފައި ހުންނާނީ ފޯމުގައި ހުރި މައުލޫމާތަށް ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގެދޮރުވެރިޔާ ކޮމިޓީގެ ޗެއާ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
ފްލެޓް ލިސްޓު އާންމުކުރުމުން، އެ ލިސްޓުގައި ޕޮއިންޓް ދީފަ ހުރި ގޮތާމެދު ހިތްހަމަ ނުޖެހި ގިނަ ބަޔަކު ވަނީ ހައުސިން މިނިސްޓްރީގައި މުޒާހަރާ ކޮށްފައެވެ. އަކްރަމް ވަނީ މުޒާހަރާ ކުރަމުންދާ ފަރާތްތަކާ ބައްދަލުކުރައްވާފައެވެ.
އަކްރަމް އެހެން ވިދާޅުވުމުން އެ ތަނުގައި އެވަގުތު ތިބި މީހުން ވަނީ އަކުރަމް އިތުރަށް ވާހަކަދެއްކުމަށް ފުރުސަތު ނުދީ އަޑުގަދަކޮށްފައެވެ.
ޕޮއިންޓު ދިން ގޮތް ހާމަ ކުރުމަށް މުޒާހަރާގެ ބައިވެރިން ދިޔައީ ގޮވާލަމުންނެވެ. އަދި އެއްވެ ތިބި މީހުން ބުނަމުން ދަނީ އެމީހުންނަށްވުރެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު މީހުންނަށް ގިނަ ޕޮއިންޓު ދީފައިވާ ކަމަށެވެ. މީގެ އިތުރުން ބައެއް މީހުން ދަނީ ލިސްޓު އެއްކޮށް ބާތިލު ކުރުމަށްވެސް ގޮވާލަމުންނެވެ.
މިނިސްޓްރީން ނެރުނު އިއުލާނުގައި ވާގޮތުން، 3 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތް ކުރަމުންދާ 4000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނެވެ.
އަދި ދެ ކޮޓަރީގެ އެޕާޓްމެންޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 73 ޕޮއިންޓުން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނެވެ.