ބަންޑާރަނައިބު އިބްރާހިމް ރިފްއަތު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންދެވޭތީ މަޖިލީހުގެ ޤަވައިދު މާނަކުރަން ސުޕްރީމްކޯޓަށް ހުށައެޅި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ފަރާތުން ވަކާލާތުކުރައްވާނީ ބަންޑާރަ ނައިބުގެ އޮފީހުންކަމަށް އެ އޮފީހުން ބުނެފިއެވެ.

އެމްޑީޕީން ހުށައެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ 10 ޖަހާއިރު ބޭއްވުމަށް ސުޕްރީމްކޯޓުން ވަނީ ތާވަލުކޮށްފައެވެ. މީގެކުރިންވެސް މަޖިލީހާއި ދެކޮޅަށް ހުށައެޅޭ މައްސަލަތަކުގައި މަޖިލީހުގެ ފަރާތުން ވަކާލާތުކުރައްވަމުން އައިސްފައިވަނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މަޖިލިސް ތަމްސީލުކުރައްވާއިރު މި މައްސަލާގައި ބަންޑާރަ ނައިބު ލަދާ ދެއްވާފައިވަނީ މަޖިލީހުގެ ނިންމުމާއި ދެކޮޅަށެވެ.

މަޖިލީހުގެ ރައީސްގެ މަޤާމުން ރައީސް ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވާ ހުށައެޅި މައްސާލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، އެ ޤަރާރާއި ގުޅޭ ޖަލްސާއެއް ބޭއްވުމަށް މިދިޔަ މަހުގެ 29 ވަނަދުވަހު އެޖެންޑާކުރި ނަމަވެސް މަޖިލީހުގެ ނާއިބް ރައީސް، ގަލޮޅު އުރުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ސަލާމްގައި ހުންނެވުމުން މިހާތަނަށް އެ ޖަލްސާ ބޭއްވިފައެއްނުވެއެވެ.

ރައީސް ނަޝީދުގެ އިތުބާރުނެތްކަމުނެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވެސް ވަނީ އެޖެންޑާ ކުރި ނަމަވެސް އެ މައްސަލަ މިއަދުވެސް ކުރިއަށްގެންދެވިފައި ނުވަނީ އިވާ މަޖީލިހުގެ ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެޑައިގަންނަވާކަމަށް ވިދާޅުވެ މަޖިލީހުގެ އަމީން އާންމުއަށް އިވާ ސިޓީއެއް ފޮނުއްވުމުންނެވެ.

އެމްޑީޕީން ސުޕްރީމްކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ ތެރެއަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ޕާޓީ ދަ ޑިމޮކްރެޓްސް އިންވެސް ވަނީ ވަދެފައެވެ. އަދި ޕީޕީއެމް / ޕީއެންސީ ކޯލިޝަނުންވެސް ވަނީ މި މައްސަލައިގެ ތެރެއަށް ވަދެފައެވެ.

މި މައްސަލަ ބައްލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑާއިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *