ފްލެޓްތަކަށް ޕޮއިންޓް ދެވުނު އުސޫލާއި ގުޅޭގޮތުން ހައުސިންގ މިނިސްޓްރީ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ނުރުހުން ފާޅުކުރަން ފަށައިފިއެވެ.
އިއްޔެ ހައުސިންގ މިނިސްޓްރީން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހެދުނު ފުރަތަމަ 4000 ފްލެޓްތައް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓް ޢާންމުކޮށްފައެވެ. އެހެން ނަމަވެސް، މި ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ޕޮއިންޓް ދެވުނީ ކިހިނެއްކަން ހާމަކުރެވިފައިނުވާ ކަމަށް ބުނެ، ހައުސިންގ މިނިސްޓްރީ ތެރޭގައި ބަޔަކު ވަނީ ހަޅޭއްލަވައި، އިހުތިޖާޖު ކޮށްފައެވެ.
މިނިސްޓްރީ ދަށަށް އެއްވެ ތިބި މީހުންނާ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ، ބައްދަލުކުރައްވާ ވިދާޅުވީ ޕޮއިންޓް ދީފައިވަނީ ފޯމްގައި ފުރިހަމަކޮށްފައި ހުރި މައުލޫމާތުތަކަށް ބެލުމަށްފަހު ކަމަށެވެ.
މިނިސްޓްރީއަށް އެއްވެ ތިބި މީހުންނާ ބައްދަލުކުރެއްވުމަށް ވަަޑަައިގެން ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގެދޮރުވެރިޔާ ކޮމިޓީގެ ޗެއާ، އަކުރަމް ކަމާލުއްދީން ވިދާޅުވީ ލިސްޓާމެދު އެއްވެސް ޝަކުވާއެއް ވާނަމަ ޕޯޓަލް މެދިވެރުކޮށް ޝަކުވާ ހުށަހެޅުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް އޮންނާނެ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން 3 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުންގެންދާ 4000 ފުލެޓުން ފްލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތަކެވެ. އަދި 2 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުންގެންދާ 4000 ފުލެޓުން ފްލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކެވެ.
މި 4000 ފުލެޓްގެ ތެރެއިން ފުލެޓަށް ހޮވިފައިވާ ފަރާތްތަކަށް، އެފަރާތަކަށް ލިބޭ ފުލެޓް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ. އެގޮތުން ގުރުއަތުލުމަށް ހާޒިރުވާނެ ދުވަހާއި ގަޑި ޕޯޓަލް މެދުވެރިކޮށް އަންގާނެއެވެ.
އަދި 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ނުހިމެނުނު ނަމަވެސް ޝަރުތު ހަމަވާ ކަމަށް ދާއިމީ ލިސްޓްގައި ކަނޑައަޅާފައިވާ ފަރާތްތަކަށް، ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިންގ މަޝްރޫއުތަކުގެ ތެރެއިން ފުލެޓެއް ދިނުމަށް ހަމަޖެހިފައިވާކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.