އޭސީސީގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް

ކޮމިޝަނުގެ މެންބަރަކާ ހަވާލާދީކަމަށް ބުނެ، ދިޔަރެސް ނޫހުގައި ލިޔެފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ އެއްވެސް މެންބަރަކު ދީފައިވާ މައުލޫމާތެއް ނޫންކަމަށާއި އެއީ އެއްވެސް އަސްލެއްނެތް ހަޤީގަތާ ޚިލާފު ދޮގުވާހަކަތަކެއްކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

"އިންތިޤާލީ މަރުހަލާގައި އޭސީސީން ބައެއް ކަންކަންހުއްޓުވާތީ ކޮމިޝަނުގެ މެންބަރުންނަށް ރޮޒައިނާ އިންޒާރުދެއްވައިފި" މި ސުރުޚީގެ ދަށުން ދިޔަރެސް ނިއުސްގައި ހޮނިހިރު ދުވަހުގެ ރޭ ވަގުތެއްގައި ވަނީ ހަބަރެއް ޝާއިއުކޮށްފައެވެ.

އޭސީސީން ބުނީ ކޮމިޝަނުގެ އެއްވެސްކަމާކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު، ސަރުކާރުގެ އެއްވެސް ވަޒީރަކު ނުވަތަ އިންތިގާލީ ރައީސް ގެ އޮފީހުގެ އެއްވެސް ފަރާތަކުންވެސް ކޮމިޝަނުގެ އެއްވެސް މެންބަރަކަށް ގުޅައި އިންޒާރުދީފައި ނުވަތަ ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް އިރުޝާދުދީފައެއް ނުވާކަމަށެވެ. އެހެންކަމުން ކޮމިޝަނުން ތަހުޤީގުކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން މިފަދަ ހަޤީގަތެއް ނެތް އަދި ކޮމިޝަނުގެ މުސްތަޤިއްލުކަމާއި، މަސައްކަތްތަކާމެދު އިތުބާރުގެއްލޭފަދަ، ހަޤީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް އެ ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެފައެވެ.

މީގެއިތުރުން މިހާރު ކޮމިޝަނުގައި ތިބި މެންބަރުން ކޮމިޝަނުގެ މަސައްކަތާ މާރިޗު 2022 ގައި ހަވާލުވި ހިސާބުން މިހާތަނަށް ފާއިތުވި 1 އަހަރާ 7 މަހާ 19 ދުވަހު މަސައްކަތްކޮށްފައިވަނީ ވަކި ފަރާތަކަށް ނުޖެހި ތަޢައްސަބުން އެއްކިބާވެ މިނިވަން ކަމާއެކުކަމަށް އޭސީސީން ބުނެއެވެ. އަދި ވަކި ފަރާތެއްގެ ރުހުންހޯދަން އެއްވެސް ކަމެއް ކޮމިޝަނުން ކޮށްފައި ނޯންނާނެކަމަށްވެސް އޭސީސީން ބުނެއެވެ.

އޭސީސީން އިތުރަށް ވަނީ ކުރިއަށް އޮތްތާ އެފަދަ ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ހުރިހާ ދިވެހި ރައްޔިތުންނަށް ދީފައެވެ. އަދި ކޮމިޝަނުން ނިންމާ ކޮންމެ ނިންމުމަކީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ހަމަތަކުގެ މައްޗަށް ތަރުތީބުކުރާ، ދިވެހިގައުމާއި ރައްޔިތުންގެ އާންމު މަސްލަހަތު ހިމާޔަތްކުރުމުގެ އަސާސް ނެގެހެއްޓުމުގެ މައްޗަށް ބައްޓަންކުރާ ނިންމުން ތަކެއްކަމަށް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *