އެމްޓީސީސީ

މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި 979 މިލިއަން ރުފިޔާގެ އާމްދަނީއެއް އެމްޓީސީސީ ހޯދައިފައިވާކަމަށް އެމްޓީސީސީގެ މާލީ ރިޕޯޓްތަކުން ދައްކައިފިއެވެ.

އެ ކުންފުންޏަށް މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި 979،331،439 (ނުވަ ސަތޭކަ ހަތްދިހަ ނުވަ މިލިއަން ތިން ލައްކަ ތިރީސް އެއްހާސް ހަތަރުސަތޭކަ ތިރީސް ނުވަ) ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އެއީ ދެވަނަ ކުއާޓާއާ އަޅާ ބަލާއިރު 34.68 އިންސައްތަ އިތުރުވުމެއްކަމަށް އެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އެމްޓީސީސީއަށް އެންމެ ބޮޑު އާމްދަނީއެއް 3 ވަނަ ކުއާޓާގައި ލިބިފައިވަނީ އިމާރާތް ކުރުމާއި ޑްރެޖިން ދާއިރާއިންކަމަށްވާއިރު އެ ދެ ދާއިރާއިން 873.56 މިލިއަން ރުފިޔާގެ އާމްދަނިއެއް ލިބިފައިވެއެވެ. ޓްރޭޑިންގެ ދާއިރާއިން 64.07 މިލިއަން ރުފިޔާ ލިބިފައިވާއިރު ޓްރާންސްޕޯޓް ދާއިރާއިން 37.02 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް އެމްޓީސީސީގެ މާލީ ރިޕޯޓުން ވަނީ ހާމަވެފައެވެ.

މީގެ އިތުރުން ދެވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 96.9 މިލިއަން ރުފިޔާ ލިބިފައިވާއިރު ތިން ވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 103.7 މިލިއަން ރުފިޔާކަމަށް އެމްޓީސީސީން ބުނެއެވެ.

އެ ކުންފުނީގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާ ހުރީ 43.3 މިލިއަން ރުފިޔާގައެވެ. ފައިދާއަށް އެހާ ބޮޑު އަސަރެއް ކޮށްފައިވަނީ ބޭރު ފައިސާގެ އަގު އުފުލުމާއި ކެޕިޓަލް އިންވެސްޓްމަންޓުތަކުގެ ސަބަބުން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

އެމްޓީސީސީއިން ވަނީ މިއަހަރުގެ ތިންވަނަ ކުއާޓަރުގައި 205 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ. އެގޮތުން ބަނދަރު ހެދުމާއި އެއަރޕޯޓު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބިން ހިއްކުމާއި މަގު ހެދުމާއި އަދި ކޯސްވޭ މަޝްރޫއުތައްވެސް ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *