މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ޕީޕީއެމް/ޕީއެންސީން ތަދައްހުލްވާން ނިންމައިފިއެވެ.

ޕީޕީއެމްގެ އިތުރުން މި މައްސަލައިގެ ތެރެއަށް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް އިން ވެސް ވަނީ ތަދައްހުލްވާން ނިންމައިފައެވެ.

އެމްޑީޕީން ހުށަހަޅާފައި އޮތް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށް މާދަމާ ޖަލްސާއެއް ބާއްވަން ވަނީ ނިންމާފައެވެ. މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމާފައި ވަނީ، އެމްޑީޕީން އެގޮތަށް އެދި މަޖިލިސް އިދާރާއަށް ހުށަހަޅާފައި ވަނިކޮށެެވެ.

އެމްޑީޕީގެ 48 މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން، ނަޝީދު ވަކިކުރުމަށް މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން، މަޖިލިސް ގަވާއިދުގައި ބުނާ 14 ދުވަހުގެ ނޯޓިސް ދިނުމަށްފަހު އެ މައްސަލަ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ އާދިއްތަ ދުވަހުގެ ޖަލްސާއަށެވެ.

ނަމަވެސް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާން ފޮނުވާފައިވުމުގެ ސަބަބުން އެ ޖަލްސާ ބޭއްވޭ ގޮތެއް ނުވިއެވެ. އޭގެ ފަހުން އެ މައްސަލަ ހޯމަ ދުވަހާއި މިއަދުގެ ޖަލްސާއަށްވެސް އެޖެންޑާ ކުރި ނަމަވެސް އީވާ ސަލާމުގައި ހުންނެވުމުން ދެ ޖަލްސާވެސް ކުރިއަކަށް ނުގެންދެވުނެވެ.

މިއަދު މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ ޕީޖީން ވަނީ އިހްތިޖާޖެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި އިހްތިޖާޖުގައި، މެމްބަރުން ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލައިގައި ގޮތެއް ނުނިމެނީސް މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ދެވެން ނެތް ކަމަށެވެ.

މަޖިލީހުގައި ކުރިޔަށް މުހިންމު މަސައްކަތްތައް ހުރިއިރު އޭގެ ތެރޭގައި އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ދައުލަތުގެ ބަޖެޓާއި އަހަރުގެ ފަހު ދެ މަހަށް ހުށަހަޅާ ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތުގެ އިތުރުން ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމަށް ފަހު ކެބިނެޓަށް ރުހުން ހޯދުން ހިމެނެއެވެ.

އެމްޑީޕީން ވަނީ މި މަސައްކަތްތަކަށް އެއްބާރުލުން ނުދޭނެ ކަމަށް ބުނެފައެވެ. އަދި މީގެ އިތުރުން އިންތިޙާބީ ރައީސްގެ ހުވާ ވެސް ގަބޫލު ނުކުރާނެކަމަށާއި، ކެބިނެޓަށް ރުހުން ނުދޭނެކަމުގެ އިންޒާރު ވެސް ޕީޖީން ވަނީ ދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *