ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، މަޖިލީހުގެ ރައީސްގެ މަޤާމުން ދުރުކުރުމަށް ވޯޓު ނެގުމަށް އެޖެންޑާކޮށް މާދަމާއަށް ޖަލްސާއެއް ތަޢާވަލްކުރުމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން ހުށަހަޅައިފިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އާދިއްތަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކުރިނަމަވެސް އެ ޖަލްސާ ކެންސަލް ކޮށްފައިވަނީ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅެއް ނެތުމުގެ ސަބަބުންނެވެ. މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޑެންގޫއަށް ޕޮޒިޓިވް ވުމުން މި ހަފްތާ އެއްކޮށް ހުންނެވީ ސަލާމުގައެވެ.

އީވާ ނެތި، ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ކުރިއަށް ނުގެންދެވޭނެކަމުގެ ލަފާ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިޒްލާ ވަނީ ދެއްވާފައެވެ. އަދި އެ ލަފާ މަޖިލީހުގެ އަމިންއާންމު ފާތިމަތު ނިއުޝާ ވަނީ އެމްޑީޕީގެ ޕީޖީ އަށް ލިޔުމުން އަންގާފައެވެ.

ނަމަވެސް އެ ލަފާ ގަބޫލު ކުރުމަށް ދެކޮޅު ހަދައި އެމްޑީޕީން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެކަމާ މެދު ގޮތެއް ނިންމުމުގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެމްޑީޕީން އެދިފައި ވަނީ ނަޝީދު ވަކި ކުރުމުގެ މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް ނިންމާފައިވާ ނިންމުން އެއީ ގާނޫނާ ހިލާފު ނިންމެވުމަށްކަމަށް ކަނޑައަޅައިދިނުމަށެވެ.

އަދި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ކުރިޔަށް ނުގެންގޮސް މަޖިލީހުގައި އިތުރު މަސައްކަތެއް ކުރިޔަށް ނުގެންދެވޭނެކަމަށް ކަނޑައަޅައިދިނުމަށް ވެސް އެމްޑީޕީން ހުށަހެޅި މައްސަލައިގައި ވަނީ އެދިފައެވެ.

މި މައްސަލައިގައި އެކި ފަހަރު މަތީން ޕީޖީން ނިއުޝާއަށް ވަނީ ސިޓީ ފޮނުވާފައެވެ. އަނެއްކާވެސް އިތުރު ސިޓީއެއް މިއަދު ފޮނުވިއިރު، އެމްޑީޕީން ނޫސްވެރިންނާ ހިއްސާ ކުރި ލިއުމުގައި ވަނީ މާދަމާ ޖަލްސާއެއް ބާއްވަން އެދިފައިވާ ކަމަށެވެ.

މިއަދު މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ ޕީޖީން ވަނީ އިހްތިޖާޖެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި އިހްތިޖާޖުގައި، މެމްބަރުން ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލައިގައި ގޮތެއް ނުނިމެނީސް މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެ ކަމަށެވެ.

މަޖިލީހުގައި ކުރިޔަށް މުހިންމު މަސައްކަތްތައް ހުރިއިރު އޭގެ ތެރޭގައި އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ދައުލަތުގެ ބަޖެޓާއި އަހަރުގެ ފަހު ދެ މަހަށް ހުށަހަޅާ ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތުގެ އިތުރުން ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމަށް ފަހު ކެބިނެޓަށް ރުހުން ހޯދުން ހިމެނެއެވެ.

އެމްޑީޕީން ވަނީ މި މަސައްކަތްތަކަށް އެއްބާރުލުން ނުދޭނެ ކަމަށް ބުނެފައެވެ. އަދި މީގެ އިތުރުން އިންތިޙާބީ ރައީސްގެ ހުވާ ވެސް ގަބޫލު ނުކުރާނެކަމަށާއި، ކެބިނެޓަށް ރުހުން ނުދޭނެކަމުގެ އިންޒާރު ވެސް ޕީޖީން ވަނީ ދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *