ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިއަދު މަޖިލީހުގައި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުމަށް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް ފިނޭންސް މިނިސްޓަރ ޖަލްސާއަށް ހާޒިރުވެވަޑައެއް ނުގެންނެވިއެވެ.

ބަޖެޓް ހުށަހަޅުއްވަން މިނިސްޓަރ އަމީރު މަޖިލީހަށް ވަޑައިނުގެންނެވީ އެޓާނީ ޖެނެރަލް ލަފާދެއްވުމުން ކަމަށް މައުލޫމާތު ލިބެއެވެ. އޭޖީގެ ލަފަޔާއެކު މިއަދު މަޖިލީހަށް ފިނޭންސް މިނިސްޓަރ ވަޑައިނުގެންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާތީއެވެ.

ފިނޭންސް މިނިސްޓަރ ވަޑައިނުގެންނެވީ މަޖިލީސް ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ނުނިންމާ މަޖިލީހުގެ އެހެން މަސައްކަތެއް ކުރިޔަށް ނުގެންދެވޭނެ ކަމަށް ބަންޑާރަނައިބު ގާނޫނީ ލަފާދެއްވުމުންނެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މިއަދުގެ ޖަލްސާއަށް ހުށައެޅުމަށް އެޖެންޑާކޮށްފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް ހުށައަޅާފައިވާ ދަނޑިވަޅުގައެވެ.

މަޖިލީހުގެ ޤަވާއިދުގައި ބަޔާންކުރަނީ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށައެޅުމަށްފަހު އެވަގުތު މަޖިލީހަށް ހުށައެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުކަމަށެވެ. އެހެންކަމުން ދައުލަތުގެ ބަންޑާރަ ނާއިބުގެ ލަފާ ހޯއްދަވާ މިނިސްޓަރ ނިންމެވީ ބަޖެޓު ހުށައެޅުމަށް ވަޑައިނުގަތުމަށެވެ.

މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރެއްވުމަށް އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވާ ހުށައަޅުއްވާފައިވާ މައްސާލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، ދެ ދުވަހުގެ ޖަލްސާއަށްވެސް އެ މައްސަލަ އެޖެންޑާކުރިއެވެ. ނަމަވެސް މަޖިލީހުގެ ނާއިބު ރައީސް އާލާސްކަންފުޅާ އުޅުއްވާތީ ވަނީ އެ ދެ ދުވަހުގެ ޖަލްސާވެސް ކެންސަލް ކުރައްވާފައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އިތުރުން ސަޕްލިމަންޓްރީ ބަޖެޓު ހުށައެޅުމަށްވެސް އެޖެންޑާކޮށްފައިވެއެވެ. އަދި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނޮވެމްބަރު 1 ގައި ކުރިއަށް ގެންދިއުމަށް ވަނީ ފަސްކޮށްފައެވެ. މިއަދަކީ ބަޖެޓް ހުށަހެޅުމަށް ގާނޫނުގައި ބުނާ އެންމެ ފަހު ދުވަހެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *