ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ކޮމެޓީގެ 76 ވަނަ ބައްދަލުވުން އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި މިއަދު ފެށިއްޖެއެވެ.

މިމަހުގެ 30ން ނޮވެމްބަރު މަހުގެ 2ށް ކުރިއަށްދާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ ފަރާތުން އެންމެ އިސްކޮށް ހުންނަވަނީ މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ މިސަރަޙައްދުގެ 11 ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރުންނާއި ޞިއްޙީ ދާއިރާގެ އިސްވެރިންނާއި ފަންނީ ފަރާތްތައް ހިމެނޭގޮތަށް، މި ސަރަޙައްދުގެ ރައްޔިތުންގެ ސިއްޙަތާގުޅޭ މުހިންމު ކަންކަން ކަނޑައަޅައި، މި ސަރަޙައްދުގެ ޞިއްޙަތާގުޅޭ ކަންކަން ކުރިއެރުމަށް މަޝްވަރާކޮށް، ނިންމުންތައް ނިންމާ އެންމެ މުހިންމު 'ގަވަރުނަންސް' ބައްދަލުވުމެވެ.

މި އަހަރުގެ ބައްދަލުވުމުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ކުރިއަށް އޮތް 5 އަހަރަށް މި ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރގެ މަޤާމަށް ބޭފުޅަކު އިންތިހާބުކުރުން ހިމެނެއެވެ.

މިއަހަރުގެ ރީޖަނަލް ކޮމެޓީގައި، މި ސަރަޙައްދުގެ ޤައުމުތަކުގައި ޔުނިވާސަލް ހެލްތު ކަވަރެޖް ހާޞިލުކުރުމުގެ މައި އަސާސް ކަމުގައިވާ އާންމު ޞިއްޙަތު ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުމަށް ސަރަޙައްދުގެ ޞިއްޙީ ދާއިރާގެ އިސްވެރިންގެ ޚާއްސަ "ރައުންޑް ޓޭބަލް" ބައްދަލުވުމެއް 31 އޮކްޓޯބަރު ގައި ކުރިއަށްދާނެއެވެ.

އަދި މިކަމަށް ކުރިއަށް އޮތްތަނުގައި މަސައްކަތްކުރުމަށްޓަކައި "ދެއްލީ ޑިކްލަރޭޝަން އޮން ސްޓްރެންތަނިންގ ޕްރައިމަރީ ހެލްތު ކެއާ އޭޒް އަ ކީ އެލިމެންޓް ޓުވާޑްސް އެޗީވިން ޔުނިވާސަލް ހެލްތު ކަވަރެޖް" ގެ ނަމުގައި ގަރާރެއް ވެސް ފާސްކުރަން ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މިސަރަޙައްދުގެ ޞިއްޙީ މައްސަލަތަކާއި ގުޅޭގޮތުން މިބައްދަލުވުމުގައި ޤައުމުތަކުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޓީބީ ނައްތާލުމަށް ޤައުމުތަކުގެ މެދުގައި ކުރެވެމުންދާ މަސައްކަތްތަކާއި، ޢާއްމު ޞިއްޙަތު ހަރުދަނާކުރުމަށާއި، ސްކޫލްތަކުގައި ޞިއްޙަތު ކުރިއެރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި ގުޅޭގޮތުންނާއި، މި ސަރަހައްދުގެ ހެލްތު އެމަޖެންސީ ފަންޑު ފުޅާކުރުމަށް ޤައުމުތަކުގެ މެދުގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 2024-2025 އަށް ކަނޑައަޅާ ޕްރޮގްރާމް ބަޖެޓާއި، ސަސްޓެއިނަބަލް ފިނޭންސިން އަދި 14 ވަނަ "ޖެނެރަލް ޕްރޮގްރާމް އޮފް ވާކް (ޖީ.ޕީ.ޑަބްލިޔު 14) އާ ގުޅޭ މަޝްވަރާތައް ވެސް މި ބައްދަލުވުމުގައި ކުރެވިގެންދާނެއެވެ.

އަދި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ކުރިޔަށް ރޭވިފައިވާ ވޯލްޑް ހެލްތު އެސެމްބްލީއާއި ޕްރޮގްރާމް ބަޖެޓް އަދި އެޑްމިނިސްޓްރޭޓިވް ކޮމިޓީއާއި އެގްޒެކެޓިވް ބޯޑް ބައްދަލުވުމާގުޅޭ ކަންކަމާމެދުވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވި މިސަރަހައްދުގެ ޤައުމުތަކުން މިބައްދަލުވުންތަކުގައި ހުށަހަޅާނެ ދާއިރާތައް ކަނޑައެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ރާއްޖޭގެ ޞިއްޙީދާއިރާ ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މިބައްދަލުވުންތަކުގައި ސިއްޙީދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަކުގެ އިތުރުން ސިއްޙީދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *