ހުޅުމާލޭގައި 4000 ފްލެޓް ތަރައްޤީކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގައި، 4 ޓަވަރެއްގެ މަސައްކަތްތައް މިއަހަރު ނިމުމުގެ ކުރިން މުޅިން ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، (އެފްޑީސީ) އިން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން އަލަމުންދާ ޓަވަރުތަކުގެ ތެރެއިން ކޮންކްރީޓް މަސައްކަތް ނިމިފައިވާ ޓަވަރުތަކުގައި މިހާރު ކުރިއަށްދަނީ ފިނިޝިން މަސައްކަތާއި ޔުޓިލިޓީ ޚިދުމަތްތައް ގުޅުމުގެ މަސައްކަތް ކަމަށެވެ.

އެފްޑީސީގެ މާކެޓިން އަދި ޕަބްލިކް ރިލޭޝަންސްގެ އެސިސްޓެންޓް މެނޭޖަރު މުހައްމަދު އައްފާން މީޑިއާގައި ވިދާޅުވީ، 8 ޓަވަރުގެ ކޮންކްރީޓް ހުރިހާ މަސައްކަތްތައް މިހާރު މުޅިން ނިމިފައިވާކަމަށެވެ. އަދި އޭގެތެރެއިން 4 ޓަވަރުގައި މިހާރު ކުރަމުން ދަނީ، އިމާރާތުގެ ފިނިޝިން މަސައްކަތް ކަމަށެވެ.

އޭގެތެރޭގައި ފާޚާނައިގެ ފިޓީންގްސް ހަރުކުރުމާއި، ސީލިންގްއާއި ޕުޓީގެ މަސައްކަތްތައްފަދަ މަަސައްކަތް ދަނީ ކުރަމުންނެވެ. މިއީ 3 ކޮޓަރީގެ އެޕާޓްމަންޓްގެ 2 ޓަވަރާއި، 2 ކޮޓަރި އެޕާޓްމަންޓްގެ 2 ޓަވަރެވެ.

މި 4 ޓަވަރުގައި ޖުމްލަ 3 ކޮޓަރީގެ 256 އެޕަރޓްމަންޓް އަދި 2 ކޮޓަރީގެ 240 އެޕާރޓްމަންޓް ހިމެނެއެވެ.

މީގެ އިތުރުން އައްފާން ވިދާޅުވީ ކޮންކްރީޓް މަސައްކަތްތައް ނިމެމުންދާވަރަކަށް، ފްލެޓްތަކަށް ބޭނުންވާ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ގުޅުމުގެ މަސައްކަތް ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ދެ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި 32 ޓަވަރު އަންނަނީ އިމާރާތްކުރަމުންނެވެ. މި ފްލެޓްތައް ފަރުމާކޮށްފައިވަނީ، ވީހާވެސް ތޮއްޖެހުން ކުޑަވާނެގޮތަށް، އަދި އިމާރާތް ބޭނުންކުރުމުގައި އާއްމުންނަށް ފަސޭހަވާނެގޮތަށެވެ.

އެގޮތުން ކޮންމެ ޓަވަރެއްގައި 16 ބުރި އަދި 3 ލިފްޓް ބަހައްޓަން ވަނީ ހަމަޖެހިފައެވެ. އަދި މި ޓަވަރުތަކުގައި މިހާރު ލިފްޓް ބެހެއްޓުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދާ ކަމަށް ވެސް އައްފާނު ވިދާޅުވިއެވެ.

ފްލެޓް ލިބުނު މީހުންގެ ލިސްޓް ތަރުތީބުކޮށް ހައުސިންގ މިނިސްޓްރީއިން ހަވާލުކުރިހާ އަވަހަށް، އެގްރިމެންޓްގެ ކަންކަން ނިންމާ، ޓަވަރުތައް ނިމެމުންދާވަރަކަށް ހަވާލުކުރަމުންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމްގެދަށުން 4000 ފްލެޓަށް ހުޅުވާލި ފުރުސަތުގައި 15000އަށްވުރެ ގިނަ މީހުން ޝަރުތުހަމަވާކަމަށް މިނިސްޓްރީން ވަނީ އިޢުލާންކޮށްފައެވެ. އަދި ސަރުކާރުން ނިންމާފައިވަނީ، ޝަރުތު ހަމަވާ އެންމެނަށް ފްލެޓް ދިނުމަށެވެ. އެހެންކަމުން އެފްޑީސީގެ މި ޕްރޮޖެކްޓްގައި ތަރައްޤީކުރާ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް ހައުސިން މިނިސްޓްރީން ތަރުތީބު ކުރަން ޖެހެއެވެ. އެހެންނަމަވެސް ސަރުކާރުން ލިސްޓް އަދި އިޢުލާނުކޮށްފައެއް ނުވެއެވެ.

ނަމަވެސް ނޮވެމްބަރު 17ގެ ކުރިން މި ލިސްޓް އާންމުކުރާނެކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ. މި މަޝްރޫޢުގެ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވަނީ އަންނަ އަހަރުގެ ތެރޭގައި ޕްރޮޖެކްޓް މުޅިން ނިންމާގޮތަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *