މާގިނައިން ސޯޑިއަމް ބޭނުންކުރުމުން ކޮންމެ އަހަރަކު 1.89 މިލިއަނެއްހާ މީހުން މަރުވާކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ދިރާސާއަކުން ދައްކައިފިއެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ ދުނިޔޭގެ ކޮންމެ ގައުމަކަށް ބަލާލިނަމަވެސް މީހުން ސޯޑިއަމް ބޭނުންކުރާ މިންވަރު ވަނީ މާބޮޑުތަނުން އިތުރުވެފައިކަމަށެވެ.

ބޮޑެތި މީހުން ސޯޑިއަމް ބޭނުން ކުރަނީ ދުވާލަކު 4310 މިލިގްރާމްކަމަށާއި އެއީ ދުވާލަކަށް 10.78 ގްރާމްގެ ލޮނު ބޭނުންކުރުމާ އެއްވަރު އަދަދެއްކަމަށް އެ ދިރާސާއިން ދައްކައެވެ.

ޑަބްލިއުއެޗްއޯއިން ބުނީ މިއީ އެ ޖަމިއްޔާއިން ހުއްދަ ދިފައިވާ އަދަދަށްވުރެއް 2 ގުނަ އިތުރު މިންވަރެއްކަމަށްވާއިރު ބޮޑު މީހަކު އަސްލު ބޭނުން ކުރަން ޖެހޭނީ 2000 މިލިގްރާމަށްވުރެ މަދުން ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ސޯޑިއަމް މާގިނައިން ބޭނުންކުރުމުން ލޭމައްޗަށްދިއުމާއި، ހތުގެ ބަލިތަކާއި، ގޭސްޓްރިކް ކެންސަރާއި، މާބޮޑަށް ފަލަވުމާ، ކިޑްނީ ބަލިފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިވާ ކަމަށެވެ.

އެ ޖަމިއްޔާއިން ވަނީ ދިރާސާ ރިޕޯޓްގައި ސޯޑިއަމް މަދުން ބޭނުންކުރެވޭނެ ގޮތްތަކަށްވެސް އަލިއަޅުވާލާފައެވެ. އެގޮތުން ޕެކެޓްކޮށްފައި ހުންނަ ތައްޔާރީ ކާނާތައް ކެއުން މަދުކުރުމާއި، ބަންދުކޮށްފަ ހުންނަ ކާނާ ގަންނައިރު 120 މިލިގްރާމަށްވުރެ މަދުން ސޯޑިއަމް ހުންނަ ކާނާ ގަތުން އިހްތިޔާރުކުރުމާއި، ލޮނުގެ ބަދަލުގައި ގުދުރަތީ ގޮތުން ލޮނު ރަހަދޭ ތަކެއްޗާއި ހާރބްސް ފަދަ ތަކެތި ކެއްކުމުގައި ބޭނުންކުރުމާއި އަދި ސޯސްގެ ބާވަތްތައް ބޭނުންކުރުން މަދުކުރުމަށް އެ ދިރާސާގައި ވަނީ އިރުޝާދު ދީފައެވެ.

މާގިނައިން ސޯޑިއަމް ބޭނުންކުރުމުން ހަށިގަނޑަށް ގިނަގުނަ ގެއްލުންތަކެެއް ލިބުނު ކަމުގައިވިޔަސް ސޯޑިއަމަކީ ކޮންމެހެންވެސް ހަށިގަނޑަށް ބޭނުންވާ މާއްދާއެކެވެ. ސޯޑިއަމަކީ ޕްލާސްމާ ވޮލިއުމް ބެލެހެއްޓުމާއި، އެސިޑް-ބޭސް ބެލެންސްކޮށްދިނުމާއި، ނާރުތަކުގެ އިމްޕަލްސް ޓްރާންސްމިޝަން އަދި ސެލްގެ އާދައިގެ މަސައްކަތް ބެލެހެއްޓުމަށް ބޭނުންވާ މުހިންމު މާއްދާއެކެވެ.

ޑަބްލިއުއެޗްއޯއިން ބުނީީ މިއީ ސޯޑިއަމްއާއި ބެހޭގޮތުން ދުނޔޭގެ ފެންވަރުގައި ރިޕޯޓެއް ނެރެވުން ފުރަތަމަ ފަހަރު ކަމަށެވެ. އެ ޖަމިއްޔާއިން ބުނި ގޮތުގައި މި ރިޕޯޓުގެ މަގްސަދަކީ މެންބަރު ގައުމުތަކުގެ ތެރޭގައި އަދި ޑަބްލިޔުއެޗްއޯގެ ސަރަހައްދުތަކުގައި ސޯޑިއަމް މަދުކުރުމުގެ ސިޔާސަތުތަކާއި އެހެނިހެން ފިޔަވަޅުތައް ތަންފީޒުކުރުމުގައި ހޯދޭ ކުރިއެރުންތައް މޮނިޓަރކޮށް ފިޔަވަޅު އަޅަންޖެހޭ ދާއިރާތައް ދެނެގަތުންކަމަށެވެ.

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *