ޣައްޒާ ރައްޔިތުންނަށް ކާބޯތަކެތީގެ ޕެކޭޖުތައް ފޯރުކޮށްދެނީ -- ފޮޓޯ: އައިއޭސީ

އިންޓަނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީ) އިން އިއްޔެ ޣައްޒާގައި ކާބޯތަކެތީގެ 1،000 ޕެކޭޖު ބަހައިފިއެވެ.

ކާބޯތަކެތީގެ ޕެކޭޖުތައް އައިއޭސީގެ ފަރާތުން ބަހާފައިވަނީ އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ކަމަށް އެ ޖަމިއްޔާއިން މަޢުލޫމާތުދެއެވެ.

އެގޮތުން އަލްޝަތީ ކޭމްޕްގެ އަބޫ އަސީ ސްކޫލާއި، ދޭރް ބަލަޙްގެ ރުފީދާ ސްކޫލުގެ އިތުރުން ބައެއް މީހުން ވަގުތީ ހިޔާއެއްގެ ގޮތުގައި ބޭނުންކުރާ ދޭރް ބަލަޙް ސާރްވިސް ސްޕޯޓްސް ކްލަބްއަށް އެ ޖަމިއްޔާގެ ފަރާތުން ވަނީ ޕެކޭޖުތައް ބަހާފައެވެ.

ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމުގައި އެއްވެސް ވަރަކަށް މަޑު ނުޖެހޭނެ ކަމަށާއި ޔަހޫދީންގެ ހަމަލާތަކަށް އައިއޭސީގެ ޓީމު ބިރު ނުގަންނާނެ ކަމަށް އަައިއޭސީން ބުންޏެވެ. ދަތިތަކާއެކު ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ޖަމިއްޔާއިން މަޢުލޫމާތުދެއެވެ.

އަދި ދިވެހި ރައްޔިތުން އެ ޖަމިއްޔާއާއިއެކު ތިބިހާ ހިނދަކު މަސައްކަތް ކުރާނީ ދިވެހިންގެ އެހީ އޭގެ ހައްގުވެރި ފަރާތްތަކަށް ފޯރުކޮށްދިނުމަށް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އިޒްރޭލާ ދެކޮޅަށް އަޑުއުފުލާ ގިނަ ހަރަކާތްތަކެއް ރާއްޖޭގައިވެސް އަންނަނީ ހިންގަމުންނެވެ.

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ވައިގެ މަގުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 7،000 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. ޝަހީދުވި މީހުގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި، އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *