ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުވާ މަޝްރޫއެއްގައި ސޮއި ކުރަން އުޅޭކަމަށް ބުނެ އަންގާރަ ދުވަހު ދިޔަރެސް ނޫހުގައި ޝާއިއުކޮށްފައިވަނީ ހަގީގަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން މިހެން ބުނެފައިމިވަނީ ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުވާ 55 މިލިޔަން ޑޮލަރުގެ މަޝްރޫޢުއެއްގައި އެމްޓީސީސީން ސޮއިކުރަން އުޅޭ ކަމަށް ބުނެ މީޑިއާއަކުން ރިޕޯޓުކޮށްފައިވާ ހަބަރެއް ދޮގުކޮށް ނެރެފައިވާ ބަޔާނެއްގައެވެ.

އެ ކުންފުނިން އަންގާރަ ދުވަހުގެ ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުންޏަކީ ރާއްޖޭގެ ތަފާތު އެކި ސިނާއަތްތަކުގައި ފުޅާދާއިރާއެއްގައި ވިޔަފާރީގެ ހަރަކާތް ކުރިއަށްގެންދާ ކުންފުންޏަކަށް ވެފައ،ި ކުންފުނިން އަބަދުވެސް މަސައްކަތްކޮށްފައިވާނީ އާމްދަނީ އާއި ފައިދާ އަދި ހިއްސާދާރުންނަށް ލިބޭ ނަފާ އިތުރުކުރުމާއެކު ކުންފުނީގެ ވަނަވަރު އިތުރަށް ތަރައްޤީކުރުމުގެ އިދާރީ ސަގާފަތާއި ސުލޫކުގެ އަސާސް އިސްކުރުމުގެ ރޫހުގައިކަމަށެވެ.

އެމްޓީސީސީން އެގޮތަށް މަސައްކަތް ކުރާއިރުވެސް ރައްޔިތުންނަށް އޮޅުވާލައި، އެ ކުންފުނި ބަދުނާމު ކުރުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ހަގީގަތާ ޚިލާފު ޚަބަރު ފަތުރަމުންދާކަން އެ ކުންފުނިން ފާހަގަކުރިއެވެ. އެގޮތުން، ދިޔަރެސް ނޫހުގައި ކޮރަޕްޝަން ހިމެނޭ 55 މިލިއަން ޑޮލަރުގެ މަޝްރޫއެއްގައި އެމްޓީސީސީން ސޮއި ކުރަން އުޅޭކަމަށް ބުނެ ޝާއިއުކޮށްފައިވާ ޚަބަރަކީ ހަގީގަތާ ޚިލާފު ޚަބަރެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން މިވަގުތު މަޝްވަރާކުރަމުންދާ މިފަދަ އެހެން މަޝްރޫޢުތަކާއި ކުރިއަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ މަޝްރޫޢުތަކަށްވެސް މިފަދަ ނޭދެވޭ އަމަލުތަކުގެ ސަބަބުން އެތައް ގެއްލުމެއް ކުރިމަތިވެ، ކުންފުނީގެ ޙިއްސާދާރުން ކަމަށްވާ ދިވެހި ސަރުކާރާއި އާންމު ޙިއްސާދާރުންނަށް ލިބޭނެކަމަށް ލަފާކުރި ނަފާ ގެއްލުމުގެ ފުރުސަތުވެސް މިހާރު އިތުރުވެފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ދިޔަރެސް ނޫހުގައި ބުނެފައިވާ މަޝްރޫއަކީ ބައިނަލްއަގުވާމީ ޕްރައިވެޓް އިންވެސްޓަރުން ރާއްޖޭގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެއްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ ވިޔަފާރި ކުންފުންޏެއްގެ ހައިސިއްޔަތުން އެ މަޝްރޫއު ކާމިޔާބު ކުރުމަކީ މިވަގުތު ކުންފުނީގެ މުހިންމު އަމާޒެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *