އިބްރާހީމް އަބްދުﷲ (ގައްބަރޭ)

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިނުމުގެ ތުހުމަތުގައި މއ. ނައިޓްވިލާ، އިބްރާހީމް އަބްދުﷲ (ގައްބަރޭ) އާއި އިތުރު ދެ މީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ސިއްރުކޮށްފިއެވެ.

މެންބަރު ޒަރީރަށް ހަމަލާދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މޭމަހުގެ އެއްވަނަ ދުވަހުގެ ފަތިހު 5:08 ހާއިރުއެވެ. ގައްބަރޭގެ މައްޗަށް ހުށަހަޅާފައިވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެން މެންބަރު ޒަރީރަށް ހަމަލާދިން މައްސަލައެވެ.

މި މައްސަލައިގައި ގައްބަރޭގެ އިތުރުން ދައުވާކުރަނީ ތ. ކިނބިދޫ، ދީފުރަމްގެ، އަހުމަދު އަވްޝަމް އާއި މ. ތާޖް، މުލާއިމް މުހައްމަދުގެ މައްޗަށެވެ.

މި މައްސަލާގައި މިއަދު ހެނދުނު 11:00 ގައި ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލިސް ސިއްރުކޮށްފައިވަނީ ދިފާއީ ވަކީލުންގެ އެދުމުގެމަތިންނެވެ.

މި މައްސަލައިގައި ދައުލަތުން މިދިޔަ ސެޕްޓެމްބަރމަހުގެ 19 ވަނަ ދުވަހު ގައްބަރޭގެ މައްޗަށް އުފުލާފައިވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ. އަދި އަނެއް ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ގައްބަރޭއަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ ރައީސް އެވެ. އަދި މީގެ އިތުރުން ގައްބަރޭ ދޫކޮށްލުމަށް މެންބަރު ޒަރީރު ވެސް މީގެ ކުރިން ވަނީ ގޮވާލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *