2024 ވަނަ އަހަރުގެ އޮޑިޓް އޮފީހަށް 112 މިލިޔަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

އޮޑިޓް އޮފީހުގެ ބަޖެޓާ ބެހޭގޮތުން މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، އެ ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ، އަންނަ އަހަރަށް އެ އޮފީހުގެ ބަޖެޓު ބޮޑު ކުރި އެއް ސަބަބަކީ އިތުރު ހަތް މުވައްޒަފުން ނެގުމުގެ އިތުރުން، މުވައްޒަފުންނަށް ޑިޕެންޑެންޓް އެލަވަންސް ދިނުމަށް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ކޮމިޓީއަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެކަަމަށްޓަކައި 11 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށްފައިވާނެ ކަމަށް ބުނެފައިވާ ކަމަށްވެސް ނާޝިޒު ވިދާޅުވިއެވެ. އެހެންކަމުން އެކަމާބެހޭގޮތުން ފިނޭންސް މިނިސްޓްރީ އާއި ޕޭ ކޮމިޝަނުން ދެކޭގޮތެއް ބެލުމަށް އެ ދެފަރާތަށް ސިޓީ ފޮނުވި ކަމަށްވެސް ވިދާޅުވިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައި ވަނީ 123.7 މިލިޔަން ރުފިޔާގެ ބަޖެޓެއް ހޯދުމަށެވެ. ނަމަވެސް އެއިން ބައެއް އުނިކޮށްފައިވަނީ ފިނޭންސް މިނިސްޓްރީ އާއި ޕޭ ކޮމިޝަނުން މަޝްވަރާ ދީގެންނެވެ.

ބަޖެޓް މުރާޖައާކޮށް، ޕޭ ހާމަނައިޒޭޝަންގެ ދަށުން ހުރިހާ މުއައްސަސާއަކަށް ބޭނުންވާ މުސާރައިގެ ކުރިއެރުން އަންނަ 2024 ވަނަ އަހަރަށް ލަފާ ކުރާ ހާއްސަ ބަޖެޓްގެ ތެރޭގައި ހިމަނައިގެން ހަމަޖައްސަން ނިންމާފައިވާ ކަމަށް ނާޝިޒު ވިދާޅުވިއެވެ.

މީގެ އިތުރުން ދަތުރުފަތުރުގެ ބަޔަށް އިތުރު ކޮށްފައިވާ 1.7 މިލިޔަން ރުފިޔާ އުނި ކުރުމަށްވެސް ވަނީ މި ބައްދަލުވުމުގައި ނިންމާފައެވެ. އަދި ލޯކަލް ކައުންސިލްތައް އޮޑިޓް ކުރުމަށް އިތުރު ކޮށްފައިވާ ފަސްލައްކަ ރުފިޔާ ވެސް އިތުރުނުކޮށް، މި ހިނގާ އަހަރަށް ހުށަހަޅާފައިވާ މިންގަނޑުގައި ހިފެހެއްޓުމަށާއި ކެޕިޓަލް ހަރަދުވެސް އިތުރުނުކޮށް، ހަމަ އެ މިންގަނޑުގައި ހިފެހެއްޓުމަށް ލަފާދީފައިވާ ކަމަށްވެސް ނާޝިޒު ވިދާޅުވިއެވެ.

އެހެންކަމުން ބަޖެޓާމެދު ގޮތެއް ނިންމުމަށް މިއަދުގެ ކޮމިޓީގައި ވަނީ ބަހުސްކުރުމަށް ހުޅުވާލާ ބަހުސް ކުރިއަށް ގެންގޮސްފައެވެ. ބަޖެޓާ ގުޅިގެން ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ވިދާޅުވީ، ބަޖެޓަށް ލަފާދީފައި ވަނީ މިހާރު ހުންނެވި ފިނޭންސް މިނިސްޓަރު ކަމަށްވި ނަމަވެސް އެ ބަޖެޓް ތަންފީޒު ކުރާނީ ދެން ވެރިކަމާ ހަވާލުވާ، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަމަށެވެ.

އެހެންކަމުން އޮޑިޓް އޮފީހުގެ ބަޖެޓަށް އިންތިހާބީ ރައީސް އޮފީހުގެ ލަފައެއް ލިއުމުން ހޯދުމަށް ރިޔާޒު ހުށަހެޅުއްވިއެވެ. އަދި ރިޔާޒުގެ އެވާހަކައަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފްވެސް ތާއީދު ކުރެއްވިއެވެ.

ނަމަވެސް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓްގެ މައްސަލައަކީ ސަރުކާރާ ބެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެއީ މިހާރު އޮތް ސަރުކާރުންވެސް، އިންތިޚާބީ ރައީސްގެ އޮފީހާވެސް ބެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އޮޑިޓް އޮފީހުގެ ބަޖެޓަކީ، އޮޑިޓް އޮފީހުން ހުށަހަޅައިގެން ސީދާ މަޖިލީހުން ނިންމަންޖެހޭ ނިންމުމެއް ކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި އޭނާ ވަނީ އޮޑިޓް އޮފީހުން ހުށަހަޅާފައިވާ ގޮތަށް 123 މިލިޔަން ރުފިޔާގެ ބަޖެޓް ފާސް ކުރުމަަށް ތާޢީދުކުރައްވާފައެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާ ވަކިން މަޖިލީހަށް ހުށަހަޅައި ފާސްކުރަމުން އަންނަ ބަޖެޓެކެވެ. ދައުލަތުގެ ބަޖެޓަށްވުރެ ކުރިން އޮޑިޓާ ޖެނަރަލް އޮފީހުގެ ބަޖެޓް ފާސްކުރަން ޖެހެނީ، ބައިނަލްއަގުވާމީ ޖަމާއަތެއް ކަމަށްވާ ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ ހިމެނިފައިވާތީއެވެ.

ކޮމިޓީން ފާސްކުރި ބަޖެޓް ދެން ފޮނުވާނީ މަޖިލިސް ތަޅުމަށެވެ. އެއަށްފަހު އޮޑިޓް އޮފީހުގެ ބަޖެޓް ދެން ފާސް ކުރާނީ މަޖިލިސް ތަޅުމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *