ހަމާސްއިން ރަހީނު ކުރި ޖުޑިތް ރާނަން އާއި އޭނާގެ އަންހެން ދަރިފުޅު (މ) މިނިވަން ކުރުމުން އިޒްރޭލު ސިފައިންނާއި އެކު ބޯޑަރު ހުރަސްކުރަނީ - ފޮޓޯ: ރޮއިޓަސް

ހަމާސް އިން އިޒްރޭލަށް ހަމަލާދީ ރަހީނުކުރި މީހުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ ދެ ރައްޔިތަކުން މިނިވަންކޮށްފިއެވެ.

ޣައްޒާގައި ރަހީނުކޮށްފައި ތިބޭތާ ދެ ހަފްތާފަހުން މިނިވަން ކުރި އެމެރިކާގެ މި ދެ މައިންނަކީ އިޒްރޭލަށް ޗުއްޓީ ހޭދަކުރުމަށް ގޮސް އުޅުނު ދެ މީހުންނެވެ. އެ ދެމީހުންނަކީ 59 އަހަރުގެ ޖުޑިތު ރާންނަ އާއި އޭނާގެ 17 އަހަރުގެ ދަރިފުޅު ނެޓަލީ ރާނަން އެވެ.

ހަމާސް އިން އެ ދެމައިން މިނިވަން ކުރުމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެދެމައިންނާއި ވާހަކަފުޅު ދައްކަވާފައެވެ. އަދި އެއީ އުފާވެރި ހަބަރެއް ކަމަށް ވިދާޅުވެ އެމީހުންގެ ހާލު އޮޅުންފިލުއްވި ކަމަށް ވެއެވެ.

މެދު އިރުމަތީގެ މަޝްރަހު ދައްކާ ގޮތުން ހަމާސްއިން ދަނީ އެހެން ރަހީނުންވެސް މިނިވަން ކުރުމަށް މަސައްކަތް ކުރަމުންނެވެ. ހަމާސް އިން ބުނެފައިވަނީ މިސްރާއި، ޤަތަރާއި ގުޅިގެން ރަހީނުން މިނިވަން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ހަމާސް އިން ރަހީނުން ދޫކޮށްލުމަށް އެއްބަސްވީ މިސްރާއި ޣައްޒާ ގުޅޭ ބޯޑަރު ހުރަސްކޮށް ފަލަސްތީނުގެ އާންމުންނަށް ބޭނުންވާ އިންސާނީ އެހީ ހިފައިގެން އައިސްފައިވާ އުޅަނދުތަކަށް އެ މަގު ހުޅުވާލާ އެހީގެ ތަކެތި ފޯރުކޮށްދޭން ފަށާނެ ކަމުގެ އިޝާރާތެއް ލިބުންނެވެ.

ޣައްޒާއަށް އިޒްރޭލު ސިފައިން ދެމުންދާ ވައިގެ ހަމަލާތަކުގައި ޣައްޒާއިން މިހާތަނަށް 4137 މީހުން ވަނީ ޝަހީދުވެފައެވެ. 7 އޮކްޓޫބަރުގައި ހަމާސްއިން ފެށި މި ހަނގުރާމައިގައި ހަމާސްއިން ދިން ހަމަލާތަކުގައި އިޒްރޭލުން 1،400 މީހުން ވަނީ މަރުވެފައެވެ.

އިޒްރޭލް ސިފައިންނާއި ފުލުހުން އޭގެ ބަދަލު ހިފުމުގެ ނަމުގައި ދެމުންދާ ވަރުގަދަ ހަމަލާތަކުގައި ގިނަ އަދަދެއްގެ އާންމުންގެ ގެދޮރާއި ސުކޫލުތަކާއި ހޮސްޕިޓަލްތަަކށްވެސް ވަނީ ބޮން އަޅާފައެވެ. އަދި ޣައްޒާގެ ވަށައިގެން ބަންދުކޮށް ކާނާ އާއި، ތެލާއި ބޭހާއި، ބޯ ފެން އެތެރެ ކުރުންވެސް އިޒްރޭލުން ވަނީ މަނާކޮށްފައެވެ.

އިޒްރޭލްގެ ހަރުކަށި އަމަލުތައް މިހާރު ހައްދުން ނައްޓާފައިވާއިރު އިއްޔެ ހުޅަނގު ޖާރުއްސަލާމުގައި ފުލުހުން ވަނީ އެމީހުންގެ ހަރުކަށިކަން އިތުރަށް ހާމަކޮށް ފަތިސް ނަމާދާއި، ހުކުރު ނަމާދަށް އަލް އަޤްސާ މިސްކިތަށް ދިޔަ މުސްލިމުންނަށްވެސް ހުރަސް އަޅާފައެވެ.

އަޤްސާ މިސްކިތް ހިމެނޭ ސަރަހައްދަށް އެތެރެވިޔަ ނުދީ އެތައްބަޔަކު އަޅުކަން ކުރުމަށް ހުރަސް އެޅި އިޒްރޭލު ފުލުހުން އިިއްޔެ އަޤްސާގައި ނަމާދުކުރުމުގެ ހުއްދަދިނީ ހަމައެކަނި 65 އަހަރުން މަތީގެ މީހުންނަށެވެ. އަދި އުމުރުން 65 އަހަރުން ދަށުގެ މީހުން އެ މިސްކިތުގައި ނަމާދުކުރުމުގެ ފުރުސަތުވެސް އިޒްރޭލް ފުލުހުން ނުދިނެވެ.

މިހާރު އިޒްރޭލުން ވަނީ އަލް ގުދުސް ހޮސްޕިޓަލް ހުސްކުރުމަށް އަމުރުކޮށްފައެވެ. އެއީ ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ އެތަށް އާންމުންނެއް ބޯހިޔާވަހިކަން ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. އިޒްރޭލުގެ މި އޯޑަރު ހިއުމެނިޓޭރިއަން ގުރޫޕުތަކުން ވަނީ ކުށްވެރިކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *