ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރާއިރު އެ މަނިކުފާނަށް ޖަވާބުދާރީވާން ދޭނީ 30 މިނެޓު ކަމަށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފިއެވެ.

ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރުގެ ބަހުސްގައި، ވާހަކަ ދައްކަވާނެ މެންބަރުންގެ އަދަދާއި މެންބަރަކަށް ވާހަކަ ދައްކަވަން ދެވޭ ފުރުސަތުގެ ދިގު މިނާއި, ނަޝީދަށް ދިފާއުގައި ވާހަކަދައްކަވަން ލިބިދޭ ފުރުސަތުގެ އަދަދާއި, އެ ފުރުސަތުގެ ދިގުމިން ކަނޑައެޅުމަށް އާންމު ކޮމިޓީން އޮކްޓޫބަރު 9ގައި ބޭއްވި ބައްދަލުވުމުގައި ވަނީ އެޖެންޑާކޮށްފައެވެ.

މިކަންކަން ހަމަޖައްސައި ދިނުމަށް އެދި މަޖިލީހުގެ އިދާރާއިން ކޮމިޓީއަށް ފޮނުވާފައިވާ ސިޓީގައި ވަނީ، މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރުގެ ބަހުސެއް އެއްވެސް ހާލަތެއްގައި ތިން ގަޑިއިރަށް ވުރެ އިތުރަށް ދިގު ދެމިގެން ނުވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައިވާ ކަމަށް ބުނެފައެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން ފުނަދޫ ދާއިރާގެ، އެމްޑީޕީގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ އެ މައްސަލައިގެ ބަހުސަށް ޖުމްލަ ދެ ގަޑިއިރު ހަމަޖެއްސުމަށާއި އޭގެ ތެރެއިން 30 މިނެޓު، ނަޝީދަށް ދިފާއުގައި ވާހަކަ ދެއްކެވުމަށް ދިނުމަށެވެ.

މިކަމާއި ގުޅިގެން ޑިމޮކްރެޓް ޕާޓީގެ ހެންވާރު މެދު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ އެ މަނިކުފާނުގެ މައްޗަށް ކޮށްފައި ވަނީ ބޮޑު ތުހުމަތުތަކެއް ކަމަށާއި އެހެންކަމުން ޖަވާބުދާރީވަން އިތުރު ވަގުތު ދޭން ޖެހޭ ކަމަށެވެ. އަދި ބަހުސް ކުރައްވަން ތިން ގަޑިއިރު ދެއްވުމަށާއި ރައީސަށް ވަކިން ވަގުތު ކަނޑައަޅަން ގަވައިދުގައި ވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެއަށްފަހު ކޮމިޓީގެ މެންބަރުންގެ މަޝްވަރާއަށް ފަހު ވޯޓަށް އެހިއިރު ހާޒިރުވެ ތިއްބެވި ހަ މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ތާއިދު ކުރެއްވީ ޝާހިދުގެ ހުށަހެޅުއްވުން ފާސްކުރުމަށްކަމަށްވާއިރު އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވީ ދެ މެންބަރުންނެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކު ހުށަހެޅި ގަރާރު ބަލައިގަނެ، އެމަނިކުފާނަށާއި މަޖިލިސް މެންބަރުންނަށް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ނޯޓިސް ފޮނުވަފައިވައެވެ.

0
1
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *