އަރަބި ގައުމުތަކުން އިޒްރޭލާ އެކު ގާއިމްކޮށްފައިވާ ގުޅުން ކަނޑާލުމަށް ފަލަސްތީނުގެ ނޭޝަނަލް އިނީޝިއޭޓިވް ޕާޓީން ގޮވާލައިފިއެވެ.

މި ޕާޓީއިން މިފަދައިން އަރަބި ގައުމުތަކަށް ގޮވާލައިފައިމިވަނީ ރޭ ދަންވަރު އިޒްރޭލުން ވައިގެ މަގުން ޢާއްޒާގެ ބެޕްޓިސްޓް ހޮސްޓަލަށް ދިން ބޮމުގެ ހަމަލާގައި 500 އެއްހާ މީހުން ޝަހީދުވެ އެތައް ހާސް ބަޔަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ދަނޑިވަޅެއްގައެވެ.

އެ ޕާޓީގެ ލީޑަރު މުސްތަފާ ބަރްގޫތީ ވިދާޅުވީ އަރަބި އެއްވެސް ގައުމެއްގައި އިޒްރޭލުގެ ސަފީރަކު މިވަގުތު ހުރުމަކީ ލަދުވެތި ކަމެއް ކަމަށާއި އެމެރިކާ ފަހަތުގައި އޮވެ އިޒްރޭލާއެކު އަރަބި ގައުމުތަކުން ގާއިމުކޮށްފައިވާ ހުރިހާ ގުޅުމެއް ކަނޑާލަންޖެހޭ ކަމަށެވެ. މި ގައުމުތަކުން އެންމެ ކުޑަމިނުން ކޮށްދެވޭނެ ކަމަކީ އެއީ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އަރަބި ގިނަ ގައުމުތަކުން އެމެރިކާ އަށް ތެލާއި ގޭސް ފޯރުކޮށްދޭއިރު އެމެރިކާ އިން މިހާރު ކުރާހާ ވެސް ކަމަކީ އިޒްރޭލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ތާއީދުކުރުން ކަމަށެވެ. އަދި މިއީ ހުއްޓުމެއް ގެންނަން ޖެހޭ ކަމެއް ކަމަށާއި އަރަބި ގައުމުތަކުން އެމެރިކާ އަށް މިހާރު "ފުދިއްޖެ" ކަމަށް ބުނަންޖެހޭ ކަމަށްވެސް މުސްތަފާ ވިދާޅުވި އެވެ.

ޔޫއޭއީއާއި ބަހްރެއިންވެސް ވަނީ އިޒްރާއީލާއިއެކު ގުޅުން ގާއިމްކޮށްފައެވެ. އިޒްރޭލުން ސައުދީ އަރަބިއްޔާއާއެކު ވެސް ގުޅުން ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް އިޒްރޭލާއި ހަމާސް ޖަމާއަތުން މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ މަސައްކަތަށް މިވަގުތު ވަނީ މެދުކެނޑިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *