ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް --- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އިސްލާމްވީ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ދިވެހިން ސާބިތުކަމާއެކު ދެމިތިބި، އެކުވެރިކަމާއި އެއްބައިވަންތަކަންމަތީ ޤައުމު އާރާސްތުކުރަމުން އައި ވަރުގަދަ ބިންގަލަކީ އިސްލާމް ދީނުގެ ޞައްޚަ ޢަޤީދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާޞަބަތުގައި މިއަދު ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސްގެ ޚިޠާބުގައި ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް، އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން ހިންގާ ލާއިންސާނީ އަނިޔާވެރި ޢަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ.

އަދި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް، އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ އެންމެހައި ޢަމަލުތައް ތަޙުޤީޤުކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އިންޞާފު ހޯދައިދިނުމަށް، އެންމެހައި ދިވެހިންގެ ނަމުގައި ބައިނަލްއަޤުވާމީ މުޖްތަމަޢަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ރައިސްގެ ޚިޠާބުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތިކަމާއި އަނިޔާވެރިކަމާ ކުރިމަތިލާންޖެހިފައިވާ އެންމެހައި މުސްލިމުން އެ ޙާލަތުން މިންޖުކޮށްދިނުމަކީ، މުޅި އިސްލާމީ އުންމަތުގެ ވާޖިބެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވަފައެވެ. އަދި އެކަމަށްޓަކައި މުސްލިމުންގެ ސަފުތައް ބަދަހިކޮށް މުސްލިމުންގެ ގުޅުން ހަރުދަނާކޮށް، މުސްލިމުންގެ މެދުގައި އޮތް ބައިބައިވުން ނައްތާލައި، އެއް އުންމަތެއް ފަދައިން އަލުން ތެދުވަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި، ދިވެހިންގެ މެދުގައި މި އޮތް ހަމަޖެހުމާއި ޞުލްޙަވެރިކަމުގެ އަޞްލަކީ، މުޖްތަމަޢުގެ ބަދަހިކަމަށް އިސްލާމް ދީނުގައި ދީފައިވާ ސަމާލުކަމަށްވާ ހިނދު، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ހަރުލައްވައި، އިސްލާމީ ރިވެތި އަދަބު އަޚުލާޤުގެ މަތީގައި އެކުދިން ތަރުބިއްޔަތުކުރުމަކީ، ދިވެހި އުންމަތުގެ ކުރިމަގުގެ އުޖާލާކަމަށްޓަކައި، ދިވެހިންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ޤައުމީ ވާޖިބެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް، އިސްލާމް ދީން ގެނެސްދިން އިޖްތިމާޢީ ރިވެތި އަދަބުތަކާއި އަޚްލާޤީ ރީތި ސިފަތައް ދިވެހިންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތް ކުރުމަކީ ވެސް، މި ދުވަސް ފާހަގަކުރުމުގެ ވަރަށް މުހިންމު މަޤްޞަދެއްކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެކަމަށްޓަކައި ފަރުދީ ގޮތުންނާއި ޖަމާޢީ ގޮތުން ވެސް މަސައްކަތް ކުރުމަކީ ހުރިހާ ދިވެހީންގެ ޒިންމާއެއްކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޙިޖުރީ ސަނަތުން ކޮންމެ ރަބީޢުލްއާޚިރު މަހެއްގެ 2 ވަނަ ދުވަހެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *