އިޓަލީގައި ބޭއްވި ޓީޓީޖީ ޓްރެވެލް އެކްސްޕީރިއަންސް 2023 ގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރާއްޖެ އިޝްތިހާރުކޮށްފިއެވެ.

އިޓަލީގެ ރިމިނީ އެކްސްޕޯ ސެންޓަރުގައި މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މިހަމުގެ 11 އިން 13ގެ ނިޔަލަށެވެ.

މިފެއާގައި ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނަށް އެ ފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ފުޅާދާއިރާއެއްގައި ހުށަހެޅުމުގެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަކަމަށް އެމްއެމްޕީއާރުސީން މަޢުލޫމާތުދެއެވެ.

އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނާއި ކޮންސިއުމަރުން ބައިވެރިވި މި ފެއާގައި، އިންޑަސްޓްރީގެ ޕާޓްނަރުންނަށް އެންމެ ފަހުގެ ޕްލޭންތައް އިއުލާންކޮށް، އާ ޕާޓްނަރުންނާއި ގުޅިގެން މަސައްކަތް ކުރުމަށް ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައި އެމްއެމްޕީއާރުސީން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައްކަމަށްވާ ރިސޯޓް، ގެސްޓްހައުސް، ލިވަބޯޑް އަދި ސިޓީ ހޮޓަލްތަކުން ފަތުރުވެރިންނަށް ފޯރުކޮށްދޭ ޚާއްޞަ ހިދުމަތްތަކާއި ތަފާތު ތަޖުރިބާތައް ދައްކާލުމުގެ ފުރުސަތު ވަނީ މި ފެއާގައި ލިބިގެން ގޮސްފައެވެ.

އިޓަލީގެ މާކެޓަކީ ރާއްޖެއަށް މުހިންމު މާކެޓަކަށްވާ އިރު، އެމްއެމްޕީއާރުސީން ވަނީ އިޓަލީ މީޑިއާ ފެމިލިއަރައިޒޭޝަން ދަތުރެއް ކުރިއަށް ގެންގޮސްފައެވެ. އަދި ބޮލޯންޔާގައި ބާއްވާ އީޔޫޑީއައި ފަދަ ބޮޑެތި ޓްރޭޑް ޝޯތަކުގައި ވެސް ރާއްޖެ ޕްރޮމޯޓްކުރަމުންދާނެ ކަމަށް އެމްއެމްޕީއާރުސީން މަޢުލޫމާތުދެއެވެ.

ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް އަކީ އިޓަލީގައި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ބާއްވާ އެންމެ މުހިންމު އެއް ފެއާ އަށް ވާއިރު، މި ފެއާގައި އެމްއެމްޕީއާރުސީއާއެކު ޖުމްލަ 33 ކޯ އެގްޒިބިޓަރުން ބައިވެރިވިކަމަށް އެ ކުންފުނިން ވަނީ މަޢުލޫމާތުދެއެވެ.

އިޓަލީން ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޖުމްލަ 84,093 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިޓަލީ އިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ %31.1 އިތުރުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *