ނަފްސާނީ ދުޅަހެޔޮކަމަކީ ސެކަންޑަރީ ކަންބޮޑުވުމެއްނޫން ކަމަށާއި، އެއީ ފަރުދީ ދުޅަހެޔޮކަމުގެ މައިގަނޑު އެއް އަސާސްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ހެނދުނު ވިލާ ނޯޓިކާގައި ބޭއްވި އޮއިވަރު މެންޓަލް ހެލްތް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ކޮންފަރެންސް ފެށުމުގެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ނަފްސާނީ ދުޅަހެޔޮކަން ޤަބޫލުކުރުމަކީ، ހުޅުވާލެވިފައިވާ މަޝްވަރާތަކަށް މަގުފަހިކޮށްދޭ ކަމެއްކަމަށާއި، އެކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދޭ ފަރާތްތަކާއި، ޞިއްޙީ ޚިދުމަތްތެރިންނާއި، އަމިއްލަ ފަރުދުން ވެސް ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމަށް މުޖުތަމަޢުއަށް ބާރުއެޅޭނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން މި ކޮންފަރެންސްގެ ޝިއާރުގެ މައްޗަށް އަލިއަޅުއްވައިލައްވައި އެކަމަނާ ވިދާޅުވީ "ޗޭންޖިންގ ކަރަންޓްސް: ފޯމިންގ ކަނެކްޝަންސް" އަކީ އަބަދުވެސް ބަދަލުވަމުންދާ ދުނިޔޭގައި ވަރަށް މުހިންމު ޝިއާރެއް ކަމަށާއި ހުރިހާ ބަދަލެއް ކޮންޓްރޯލް ނުކުރެވޭ އިރު، ސިޔާސީ ވިސްނުމާއި ޑޭޓާ ލިބުމާއި ކެޕޭސިޓީ އާއި ގުޅިގެން ނުފޫޒު ފޯރުވާ، ޖަވާބުތައް ބައްޓަން ކުރެވިދާނެ ކަމަށެވެ.

އެކަމަނާ ވިދާޅުވީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ ސިޔާސީ ވިސްނުމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ޤައުމީ މަރުކަޒު އުފެދިފައިވާކަމަށެވެ.

އަދި މިކަމުގެ ސަބަބުން އިން ޕޭޝަންޓް ސައިކޭޓްރީގެ ޚިދުމަތްފުޅާވެ، ތެރަޕިއުޓިކް ޚިދުމަތްތަކަށް އާސަންދަ ކަވަރޭޖް އިތުރުކުރުމާއި، ދުޅަހެޔޮ ދިރިއުޅުމެއްގެ ތެރެއިން ފިޒިކަލް ފިޓްނަސް އާއި ކުޅިވަރު ކުރިއެރުވުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ޖީއޭޕީ ތަމްރީނު އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން މަތީ ތަޢުލީމުގެ ސްކޮލަރޝިޕްތައް ފޯރުކޮށްދިނުމާއި، މާލެ ސަރަހައްދުން ބޭރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތް ފުޅާކުރުން ހިމެނޭކަމުގައެވެ.

މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމާބެހޭގޮތުން މިހާރު ލިބެން ހުރި ތަފާސް ހިސާބުތަކަކީ ނިސްބަތުން މަދު އަދި ގިނަ ދުވަސްވެފައިވާ ތަފާސް ހިސާބުތަކެއްކަމުގައި ޤަބޫލުކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަނާ ވަނީ ނަފްސާނީ ބަލިތަކުން ރައްކާތެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންޓަވެންޝަންތައް އެންމެ ބޭނުންވާނެ ޙާލަތާއި އެ ވަގުތުތައް ދެނެގަތުމަށްޓަކައި، ފުޅާ ދާއިރާއެއްގައި ފަހުގެ ތަފާސް ހިސާބުތައް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

ރައީސްގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވުމުގެ ޤާބިލުކަން އިތުރުކޮށް، ނަފްސާނީ ދުޅަހެޔޮކަން އަވަހަށް ދެނެގަނެ، ބަލިން ރައްކާތެރިވެ، ލާމަރުކަޒީ އުސޫލުން ޚިދުމަތްތައް ހޯދުމުގެ ޤާބިލުކަން އިތުރުކުރަންޖެހޭކަމުގައި ވިދާޅުވިއެވެ.

ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތުން ފަށާފައިވާ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "އޮއިވަރު މެންޓަލް ހެލްތް ކޮންފަރެންސް" ގެ މަޤްޞަދަކީ ނަފްސާނީ ބަލިތަކާއި އެފަދަ އެހެން ކަންކަމަށް ޙައްލެއް ހޯދޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *