ޚަބަރު
ތަރައްގީ ގެނެސްދޭނީ ރައްޔިތުން އެދޭގޮތަށް: ރައީސް

އުމްރާނީ ތަރައްގީކަމުގައިވިޔަސް، މަގު ހެދުން، ބިން ހިއްކުން، ނަރުދަމާ، މިހެންގޮސް އިގްތިސާދީ މަޝްރޫއުތައް ހިންގުން ކަމުގައިވިޔަސް، ރައްޔިތުން އުންމީދު ކުރާވަރުގެ ތަރައްގީއެއް ރައްޔިތުން އެދޭގޮތަށް ގެނެސްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ހައްދުންމަތީ އިސްދޫ އަދި ކަލައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލ އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅާނެތަނެއް ނިންމާނީ ލ އަތޮޅުގެ ރައްޔިތުންގެ އަޑުއަހައިގެން، އަތޮޅުގެ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ކަމުގަ އެވެ. އަދި ތަރައްގީގެ ކަންކަން ކުރިއަށްގެންދިއުމުގައި އިސްދޫ-ކަލައިދޫ ދާއިރާއަށް އިސްކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ފަތުރުވެރިކަމުގެ ދާއިރާއިން ލ އަތޮޅަށް ގެނެސްދެއްވަން ވިސްނަވާފައިވާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ހިއްސާ ކުރެއްވި އެވެ. އަދި އެފަދަ މަޝްރޫއުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ. އެގޮތުން ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެ، އާމްދަނީ އިތުރުވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ތަރައްގީއަށް ސަރުކާރުން ކުރިއަށްގެންދަވަން ހުރި ކަންކަން ކުރުމަށް، ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް ބާރުއަޅުއްވާފަ އެވެ. ހަމައެއާއެކު އެމަނިކުފާނު ވަނީ، ރައްޔިތުން އެދޭ ތަރައްގީ ގެނައުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ލ. އިސްދޫ އަދި ކަލައިދޫއަކީ ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެށްޓެވި ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top