އިޒްރޭލު އަސްކަރިއްޔާއިން އެއްގަމު މަގުން ހަމަލާދިނުމުގެ ކުރިން އުތުރު ޣައްޒާގެ އާންމުން އެމީހުންގެ ގެދޮރު ދޫކޮށް ދެކުނަށް ބަދަލުވުމަށް ހުކުރު ދުވަހު ދިން 24 ގަޑިއިރުގެތެރޭގައި ދާން ކުރިއަމުރާއި އެއްގޮތަށް ދިޔަ މަގުމަތީގައި ފަލަސްތީނުގެ އެތަށްބަޔަކަށް ހަމަލާދީ ޝަހީދުކޮށްލައިފިއެވެ.

އިޒްރޭލުން ވަނީ ޣައްޒާގެ އުތުރުގައ ދިރިއުޅޭ 1 މިލިއަނަށް ވުރެއް ގިނަ ރައްޔިތުން އެ މީހުންގެ ގެދޮރު ދޫކޮށް ދެކުނު ޣައްޒާއަށް ބަދަލުވުމަށް މަޖުބޫރުކޮށް އަމުރުކޮށްފައެވެ.

ހަމާސް ޖަމާއަތުގެ އޮފިޝަލުން މައުލޫމާތު ދިން ގޮތުގައި ހުކުރު ދުވަހު ޣައްޒާގެ ފަލަސްތީނުމީހުން ދެކުނަށް ދަތުރު ކުރަމުން ދިޔަ މަގުމަތީގައި އިޒްރޭލު އަސްކަރިއްޔާއިން ވަނީ އެއްގަމުގެ މަގުންނާއި ވައިގެ މަގުން ހަމަލާދީ އެތަކެއް ފަލަސްތީނު އާންމުން ޝަހީދުކޮށްލާފައިކަމަށެވެ.

ހަމާސްގެ މީޑިއާ އޮފީހުން ބުނީ ޣައްޒާ ސްޓްރިޕްގެ އުތުރުން ފުރައިގެން ދިޔަ ކާރުތަކަށް ވަނީ ވައިގެ މަގުން ދިން ހަމަލާތަކުގައި 70 މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.

އަދި ފުރައިގެން ދިޔަ އެއްގަމު އުޅަނދުތަކުން ދަތުރު ކުރަމުން ދިޔަ މީހުންނަށް ހަމަލާދިނުމަށް އިޒްރޭލު އަސްކަރިއްޔާއިން ވަނީ 3 ސަރަހައްދަކުން ހަމަލާތައް އަމާޒުކޮށްފައިކަމަށްވެސް ހަމާސް އިން ބުނެއެވެ.

އެ ޖަމާއަތުން އިތުރަށް ބުނީ ވައިގެ މަގުން ހަމަލާ ދީ ޝަހީދުކޮށްލި ގިނަ މީހުންގެ ތެރޭގައި ގިނައީ 18 އަހަރުވެސް ނުފުރޭ ކުޑަކުދީން ކަމަށެވެ.

އިޒްރޭލު ޑިފެންސް މިނިސްޓާރް ޔޯވް ގަލަންޓް ވިދާޅުވީ ޣައްޒާގެ އުތުރުގައި ދިރިއުޅޭ ފަލަސްތީނުގެ އާންމުން އެމީހުންގެ ފުރާނަ ސަލާމަތް ކުރަން ބޭނުންނަމަ ޖެހޭނީ އެސަރަހައްދު ދޫކޮށް ދާންކަމަށެވެ.

ރައިޓްސް ގްރޫޕްތަކުން ވަނީ އިޒްރޭލުގެ އެ އަމުރު ކުށްވެރިކޮށް އާންމު ރައްޔިތުން ގަދަބާރުން ބަދަލުކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ބުނެ އިޒްރޭލަށް އިންޒާރު ދީފައެވެ.

މީގެ އިތުރުން ޣައްޒާގެ އުތުރުގައި ދިރިއުޅޭ ގިނަ ރައްޔިތުން ވަނީ އެ އަމުރަށް ކިޔަމަންވުމަށް ދެކޮޅުހަދާފައެވެ.

ޣައްޒާގައި ދިރިއުޅޭ ރައްޔިތެއްކަމަށްވާ މަންސޫރް ޝޫމާން މީޑިއަށް ދިން އިންޓަވިއުއެއްގައ ބުނީ މިހާރު އެއްވެސް އުއްމީދެއް ނެތްކަމަށާއި އެކަކުވެސް ޣައްޒާގައި ހިނގާ ކަންކަމާއި އެތާ ރައްޔިތުންނަށް ވަމުންދާ ގޮތްތަކަށް އެއްވެސް ސަމާލުކަމެއް ނުދޭކަމަށެވެ.

މަންސޫރް އިތުރަށް ބުނީ އެ މީހުން މަރުވާން އޮތްނަމަ މަރުވާނީ އެބައެއްގެ ގެތަކުގައި ކަމަށާއި އެއީ އުތުރުގައި ވިޔަސް ނުވަތަ ދެކުނުގައި ވިޔަސް މައްސަލައެއް ނެތްކަމަށެވެ. އޭނާ ބުނީ އެ މީހުން މަރުވާނީ ޖެހިލުމެއްނެތި ބޯއުފުލާލައިގެންކަމަށާއި އަދި އެމީހުންގެ އުފަން ބިން ފަލަސްތީނުގައި ތިބެ ކަމަށެވެ. އަދި މަރުވާނީ އެމީހުންގެ ހައްގުތަކާއިއެކު އިސްލާމްދީނުގެ އީމާންތެރިކަންމަތީކަމަށެވެ.

ދާނެތަނެއް ނެތި ރައްކާތެރިކަން ކަށަވަރުވާނެ ގޮތެއް ނެތުމުގެ ސަބަބުން ހަމާސް އިން ވަނީ އެބަޔަކު ތިބި ތަނެއްގައި ނުގޮސް މަޑުކުރުމަށް އިލްތިމާސްކޮށްފައެވެ.

އަލިފްދާލްގެ އެއިޑް ޗީފް މާޓިން ގްރިފިޓްސް ސޯޝަލް މީޑިއާގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ 24 ގަޑިއިރުތެރޭގައި ހަނގުރާމައިގެ ހާލަތުގައި 1 މިލިއަނަށް ވުރެ ގިނަ މީހުން ނިކުމެގެން ދިޔުމަކީ ކިހިނަކުން ވާނެ ކަމެއް ކަމާއި މެދު ސުވާލު އުފައްދާފައެވެ.

މީގެ އިތުރުން ފަލަސްތީނުގެ ރެޑް ކްރެސެންޓް އިން ބުނީ އިޒްރޭލުން ބޮމުގެ ހަމަލާތައް އިތުރަށް ދޭނެ ކަމަށް ބުނެ ބިރުދެއްކިޔަސް އެމީހުން އެތަނަކުން ނުދާާނެކަމަށާއި އެ ޖަމިއްޔާގެ މުވައްޒަފުން އަދި ސިއްހީ ފަރުވާދޭ ފަރާތްތަކުން ވެސް އިންސާނީ ވާޖީބުތައް ކުރިއަށް ގެންދިއުން މަތީ ދެމި ތިބޭނެކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *