ސައުދު

އިސްރާއީލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ޤަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިންއެވެ.

މި ޤަރާރުގައި ވަނީ ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީ ދައުލަތް ކަމުގައިވާ އިސްރާއީލުން ފަލަސްޠީނުގެ އެކި ސަރަޙައްދު ތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތަށް ކުއްވެެރިކޮށް އެހަމަލާތަށް ވަގުތުން ހުއްޓާލުމަށާއި، ފަލަސްޠީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތަށް ކުއްވެރިކޮށް އެއަނިޔާތަށް ހުއްޓާލާ ފަލަސްޠީނުގައި އިންސާނީ ހައްޤްތަށް ކަށަވަރުކޮށްދިނުމަށް ގޮވާލާފައެވެ. އަދި އިސްރާއީލުން ފަލަސްޠީނުގެ ކިބައިން ފޭރިގެންފައިވާ ހުރިހާ ބިންތަކުން ފައިބާ އަދި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށްވެސް މި ޤަރާރުގައި ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން 1967 ވަނަ އަހަރު ކަނޑައެޅި ފަލަސްތީނުގެ ސަރަޙައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް ދިވެހިރާއްޖެއިން އަބަދުވެސް ޤަބޫލުކުރާކަމަށް މި ގަރާރުގައި ބުނެފައިވެއެވެ. މި ގަރާރުގައި އިތުރަށް ބުނެފައިވަނީ އިސްރާއީލުން ފަލަސްތީނުގެ އިތުރު ބިންތަށް ފޭރިގަނެ އެބިންތަކަށް ވެރިވުމަކީ ފަލަސްތީނާއި އިސްރާއީލު ސުލްޙަވެ ވަކި ދެ ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތަށް އެޅޭ އިތުރު ހުރަހެއްކަމަށެވެ.

މެމްބަރު ސައުދު ހުށަހެޅި މިގަރާރުގައި ފަލަސްތީނުގެ ރައްޔިތުންނަށް ފެނާއި، ކަރަންޓާއި، ބޯފެނާއި އަދި ސިއްހީ ފަރުވާގެ ހިދުމަތް ހޯދޭނެގޮތް ހުއްޓުވާލާފައި އޮތުމާއި، ކާބޯތަކެތި ޣައްޒާއަށް އެތެރެވިޔަ ނުދިނުމަށް ގައްޒާ ވަށައިގެންވާ ހުރިހާ ޗެކް ޕޮއިންޓްތަކާއި ގޭޓްތައް ބަންދުކޮށްފައި އޮތް އޮތުންވެސް ވަނީ ކުށްވެރިކޮށްފައެވެ. މީގެ އިތުރުން އިސްރާޢީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންގެންދާ ޢުދުވާނީ ހަމަލާތަކަކީ، ފަލަސްޠީނުގެ ރައްޔިތުންނާއި، ކުޑަކުދިންނާއި، މުސްކުޅިންނާއި، ބަލިމީހުންނަށް ބެލުމެއްނެތި، ފަލަސްޠީނުގެ މުސްލިމް ދަރިފަސްކޮޅު ނައްތާލުމަށް ހިންގާ އިންސާނިއްޔަތާއި ޚިލާފް ބޮޑު ޖަރީމާއެއްކަމަށްވެސް މި ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.

އިސްރާޢީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމުގެ އިތުރުން އިސްރާޢިލުގައި އުފައްދާ އަދި އެޤައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް ރާއްޖެއަށް އެތެރވުންމަނާކުރުމަށް ސައުދު ވަނީ ގޮވާލައްވާފައެވެ.

އިސްރާޢީލާ ރާއްޖެއާދެމެދު އެއްވެސް ގުޅުމެއް ޤާއިމްކޮށްފައިވާނަމަ އެފަދަ ހުރިހާ ގުޅުމެއް ސަސްޕެންޑުކުރުމަށްވެސް ސައުދު ގޮވާލައްވާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *